English Edition
Dhivehi Edition

ކިލޯއަކަށް ވުރެ ގިނަަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރި ފަސްމީހުން ދޫކޮށްލީ އެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި، ދައުލަތުން ދައުވާ އުފުލާފައި ވަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެމީހުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރި އެ މައްސަލައިގެ ތަފްސީލް ހާމަކުރަމުން ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ލިބުނު މައުލޫމާތާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފްލޯ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން 28، 22، 25، 27، 21، 26 އަދި 19 އަހަރު ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު އެގެއިން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 42 ދަޅާއި މަސްތުވާތަކެތި ހުރި 28 ޕެކެޓާއި މަސްތުވާތަކެތި ހުރި 216 ސެލޯފިންކޮޅާއި މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅަކާއި ދުންފަތާއި މަސްތުވާތަކެތި އެއްކޮށްގެން އެއްޗެއް އެއްކޮށްގެން ހަދާފައިވާ ބިޑިއަކާއި 255 މަނާބޭސް ގުޅަ އާއި އެއްފުޅި ބަނގުރަލާއި -/17150 ރުފިޔާ ހޯދާފައެވެ. އެގެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1245 ގްރާމް ހުއްޓެވެ.

މި މައްސަލަ ކުރިއަށް ދިޔަ ގޮތް ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ ޑިސެމްބަރ 03 ވަނަ ދުވަހުގެ މި ފަރާތްތަކުގެ މައްސަލަ ބަލާ ސެކްޝަންއާއި ހަވާލުވެ ހުންނެވި ޤާޟީ ބަންދާއި ގުޅޭ އަޑުއެހުން ބާއްވާފައިވާ ކަމަށާއި ޑިސެމްބަރ 03 ވަނަ ދުވަހުގެ 18:00 ހާއިރުން ފެށިގެން ގާތްގަނޑަކަށް 23:00 ވަންދެން އަޑުއެހުން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ޑިސެމްބަރ 04 ވަނަ ދުވަހު ބަންދާއި މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެކަމަށް އެންގުމަށްފަހު ޑިސެމްބަރ 04 ވަނަ ދުވަހުގެ 18:00 ގެ ފަހުން ފެށުނު އަޑުއެހުމުގައި މައްސަލައިގައި ތުޙުމަތުކުރެވޭ 05 ފަރާތުގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ބުނެ 05 ފަރާތް ބަންދުން ދޫކުރުމަށް ކޯޓުން ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ

މިމައްސަލައިގައި ޖުމްލަ 07 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ދެމީހުން ވަނީ ހެކިނެތިގެން ކުރިން ދޫކޮށްލާފައެވެ.