English Edition
Dhivehi Edition
ޑިސެމްބަރު ދެ ވަނަ ދުވަހުގެ 23:00 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް

“ބުރެވި” ޠޫފާނުގެ ސަބަބުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރު ގަދަވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި އެ ތޫފާން މިހާރު ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް ވަނީ އެ ޤައުމަށް އަރާފައެވެ. ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ތޫފާން އަރާފައިވާ ސަރަހައްދަށް 80 މޭލާއި 90 މޭލާއި ދެމެދުގައި ދަނީ ވައި ޖެހެމުންނެވެ. އަދި މި ޠޫފާން ހުޅަނގުއުތުރަށް ދަތުރުކޮށް، 3 ޑިސެމްބަރުގެ ހެނދުނު ކޮމޮރިން ސަރަޙައްދު ތެރެއަށްދާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށާއި، އުދައިގެ އަސަރުވެސް ބައެއް ސަރަޙައްދުތަކަށް ކުރާނެއެވެ.

ޠޫފާން “ބުރެވި” އަދި ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މިމަހުގެ 3 އިން ފެށިގެން ކުރިއަށްއޮތް ހަފްތާ ބަންދާއެއްކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާއިރު، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ވަނީ އިރުޝާދުދީފައެވެ.