English Edition
Dhivehi Edition

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ތެރެއިން ލަވް ބަރޑަކާއި ޕިކަޕު ބެޓެރިއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާ އަދި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި މި ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށެވެ.

ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ތަކެތީގެ ތެރޭގައި މިއަހަރު ނޮވެމްބަރު 29 ވަނަ ދުވަހު މަޖީދީމަގު އެމްއެޗްއޭ މާޓު ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ޕިކަޕު ބެޓެރިއެއްގެ އިތުރުން ނޮވެމްބަރު 30 ވަނަ ދުވަހު ލޮނުޒިޔާރަތްމަގުން ފެނިގެން، އާންމު ފަރާތަކުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ލަވް ބަރޑެއް ހިމެނޭކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ފުލުހުންވަނީ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެދެއްވުން އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

ޓެގު