English Edition
Dhivehi Edition

ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ހުޅުވާފައިވާ ކޮވިޑް ރިލީފް ފަންޑުގެ ދަށުން ދޭ އިންކަމް ސަޕޯޓު އެލަވަންސް ހޯދަން ބައެއް މީހުން މަކަރު ހަދާތީ ޖޮބް ސެންޓަރުން ފުލުހުން މެދުވެރިކޮށް މައްސަލަތައް ބަލަން ފަށައިފި އެވެ.

ޖޮބް ސެންޓާގެ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ޑައިރެކްޓަރު ޝުހާދު އިބްރާހިމް ‘މިހާރަ’ށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަޒީފާ އަދާކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ކެޓަގަރީން ފޯމު ހުށަހަޅާފައިވާ މީހުން ވެސް ސައްހަ ނޫން މައުލޫމާތު ހުށަހަޅާފައިވާކަން ފާހަގަކޮށް، ޝުހާދު ވިދާޅުވީ މި މައްސަލަތައް ފާހަގަވުމާ އެކު ޖޮބް ސެންޓަރުން މިހާރު އަންނަނީ ހުށަހަޅާ ފޯމުތަކުގައި މައްސަލައެއް ހުރިކަމަށް ޝައްކުކުރެވޭނަމަ އެއީ ސައްހަ މައުލޫމާތެއްތޯ ބެލުމަށް ފުލުހަށް ހުށަހަޅަމުންކަމަށެވެ.

މީގެ އިތުރުން ޝުހާދު ވިދާޅުވީ މިގޮތަށް ޝައްކުވާ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އެ މީހަކަށް ދޭން ޖެހޭ އެލަވަންސް ދިނުން މަޑުޖައްސާލުމަށްނިންމާފައިވާކަމަށާއި މައްސަލަތައް ބަލައި ނިމުމުން އެއީ ދޮގު މައުލޫމާތުކަން ކަށަވަރުވާ ނަމަ އެ ފޯމެއް ބާތިލް ކުރެވޭނެކަމަށެވެ، އަދި އެ މީހަކަށް ކުރިން އެލަވަންސް ދީފައިވާނަމަ އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް ޝުހާދު ވަނީ ވިދާޅުވެފައެވެ.

އިންކަމް ސަޕޯޓް ދޭން ފެށި އިރު އަމިއްލަ މަސައްކަތް ކުރާ މީހުން ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަމުން އައީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް ކައުންސިލްތަކުން އެޕްލިކޭޝަންތައް އެޕްރޫވްކުރުމުގައި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ މިހާރު އެ އެޕްލިކޭޝަންތައް ވެސް އެޕްރޫވް ކުރަނީ ޖޮބް ސެންޓަރުންނެވެ.