English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓްގައިވާ ގޮތަށް ބަޖެޓް އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައި ނުވާއިރު ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ލަފާކޮށްފައިވާ އިރު ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ މިހާތަނަށް ހުށަހެޅި އެންމެ ޑެފިސިޓް ބޮޑު ބަޖެޓެވެ. ނަމަވެސް ފަހުން ދައުލަތުގެ ބަޖެޓް ދިރާސާކުރި މަޖިލީހުގެ ބަޖެޓް ކޮމިޓީއިން ވަނީ އިތުރު 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައެވެ. އަދި އެއާއި އެކު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޑެފިސިޓްވަނީ 15.5 ބިލިއަން ރުފިޔާއިން 12.3 ބިލިއަން ރުފިޔާ އަށް ތިރި ކުރެވިފައެވެ.

ބަޖެޓަށް ބަދަލު ގެނައުމުގެ ކުރިން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޖެޓް ކޮމިޓީން ވަނީ ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ މިހާލަތުގައި ހުށައަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާއި ގުޅޭގޮތުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ބަހުސް މަރުހަލާގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މީގެ އިތުރުން ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓަށް ގެނެވުނު ބަދަލާއި އެކު އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ބަޖެޓަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފައިވާއިރު މިގޮތަށް ހުށައަޅާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުގޫބު ޢަބްދުﷲ އެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށް ޔައުގޫބު ހުށައަޅުއްވާފައިވާއިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމަށް ވެސް ޔައުގޫބު ވަނީ ހުށައަޅުއްވާފައެވެ. އަދި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށްވެސް ޔައުގޫބު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ބަޖެޓް ކޮމިޓީން ވަނީ މިނިވަން މުއައްސާތަކުގެ ކަންބޮޑުވުންތަކާއެކު، ބައެއް މިނިވަން މުވައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކުރުމަށް ފާސްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް 2 މިލިއަން ރުފިޔާ، އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް އިތުރުކޮށް ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވެއެވެ.