English Edition
Dhivehi Edition
ފޮޓޯ: ދިޔަރެސް

ރައްޔިތުންގެ މަޖިލީހުގެ 62 މެމްބަރުންގެ ވޯޓާއެކު ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާޟީ ބާރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ޚިޔާނާތުން ފައިސާ މަންފާ ހޯދާފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނާއި 2014 ވަނަ އަހަރުގެ މެއި އިން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ޤާޟީ ބާރީ ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނާ މައްސަލަ ދާދި ފަހުން ޖޭއެސްސީން އިން ވަނީ ބަލާފައެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޤާޟީ ބާރީ އާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއި އަދީބާއި އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ބާރީ ބައިވެރިވެފައިވާކަމަށް މިމައްސަލަތަކުގެ ތަޙްޤީޤުގެ ތެރެއިން ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުުރުން ޖޭއެސްސީން ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ބާރީ ޔޫސުފު އެޙުކުމް ދިންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ޖޭއެސްސީން ނެރުނު ތަހުގީގުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތްތައް އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތް ދިންއިރު ޤާޟީ ބާރީއަށް ވެސް ފްލެޓެއް ލިބިފައިވާކަން ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައެވެ. އެގޮތުން ލިބުނު އޭރުގެ ސަރުކާރުން ޤާޟީ ބާރީގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދޭން ނިންމި ކަމަށާއި ހަމަ އެދުވަސްވަރު ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތުން ޤާޟީ ބާރީ އަށް ފަސް ލައްކަ ރުފިޔާ ދީފައިވާ ކަމަށްވެސް ތަހުގީގު ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ޤާޟީ ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ، ނަގުދު ފައިސާއިން ދައްކަވާފައިވާއިރު އެފައިސާއަކީ ޤާޟީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާކަންވެސް ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭކަމަށްވެސް ޖޭއެސްސީން ނެރުނު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.