English Edition
Dhivehi Edition
ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކަށް ފުލުހުން އަހުލުވެރިކުރުވުމަށް ހިންގާ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ފުލުހުން އަހުލުވެރި ކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން ފަށައިފިއެވެ.

ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި، މި އަހަރު އަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން އަނިޔާ ލިބޭ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ސީންތަކުގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓާއި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ތެރެއިން، ފްރަންޓްލައިގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް މައުލޫމާތު ދިނުން ކުރިއަށް ގެންދަނީ ވަރޗުއަލްކޮށެވެ.

އެ ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ކްރައިމްސް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓް އަދި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރު ފުލުހުންނެވެ.