English Edition
Dhivehi Edition

ކާމިޔާބު އެކްޓަރު ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ ފިލްމު “ކޫލީ ނަންބަރު 1” ގެ ޓްރެއިލާ ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.

ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ ޗެނަލުން, އާންމުކޮށްފައިވާ ތިން މިނިޓްގެ މި ޓްރެއިލާ މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. މި ފިލްމު އެމެޒޯން ޕްރައިމުގައި ރިލީޒްކުރަން ނިންމާފައިވާ ތާރިހަކީ މި ފެށޭ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހެވެ. ކުރިން މި ފިލްމު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެއްސި ނަމަވެސް ކޮވިޑް19 ގެ ސަބަބުން މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަށް ވިއްކާލަން ނިންމީ ދެން ފިލްމު އެޅުވޭނެ ސީދާ ތާރީހެއް ނޭގުމުންނެވެ.

ވަރުން އާއި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައިވެސް، 1995 ވަނަ އަހަރު ހަމަ މި ނަމުގައި ނުކުތް ފިލްމުން ފެންނަ މައިގަނޑު ޕްލޮޓު ފެނިގެންދާނެއެވެ. މި ފިލްމުގެ ފޯރިގަދަ ޓްރެއިލާއިންވެސް މިކަން އެގިގެން ދިޔައިރު، މި ފަހަރުގައި ފިލްމުގައިވެސް ދައްކައިދެނީ ޓްރެއިން ސްޓޭޝަނެއްގައި މަސައްކަތް ކުރާ “ކޫލީ” އަކު އޭނާ ލޯބިވާ އަންހެން ކުއްޖާ ހޯދަންވެގެން މުއްސަންޖަކަށް ހެދިގެން އުޅޭތަނެވެ.

1995 ވަނަ އަހަރު ރިލީޒްކުރި ފިލްމުގައި އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ ފެނިގެންދިޔައިރު މިފަހަރުގެ ފިލްމުގެ ޓްރެއިލާއަށް ފަހު ގިނަ ބަޔަކުވަނީ ވަރުން އާއި ސާރާގެ ކެމިސްޓްރީއަށް ތައުރީފްކޮށްފައެވެ.