English Edition
Dhivehi Edition

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށްޓަކައި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ ވޯޓް ފޮށިން އެމްޑީޕީއާއި ސަރުކާރު ކޯލިޝަން ބަލިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

މިފަދައިން އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އިން މިއަދު ރައީސް ޔާމީނުގެ މެސެޖެއް ކަމަށް ބުނެ ކޮށްފައިވާ ޓުވީޓެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މެސެޖް ރައީސް ޔާމީން ދެއްވާފައި ވަނީ މިވަގުތު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސްއަބްދުއް ރަހީމް އަބްދުﷲ، އަދުރޭ އާ މާފުށި ޖަލުން މިއަދު ބައްދަލު ކުރައްވައެވެ.

“ރައީސް ޔާމީންގެ މެސެޖް: ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދީ، އެއީ މިއަދު އަޅުގަނޑަށްޓަކައި ތިޔަ ބޭފުޅުންނަށް ކޮށްދެވޭނޭ އެންމެ މުހިންމު މަސައްކަތް”. ޕީޕީއެމް އިން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވެއެވެ.

ޕީޕީއެމް އިން މިއަދު ކޮށްފައިވާ ޓްވީޓް

 

ރައީސް ޔާމީނުގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އުފުލުނު ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެގޮތުން ރ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެއެވެ.

އަދި އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް އެމަނިކުފާނުގެ މައްޗަށް ކުރެއެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެއެވެ.

ރައީސް ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވުނަސް، މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންއަށް ދެއްވާފައެވެ.