English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕީއެސްއެމް

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 25.10 އިންސައްތަ އަކީ ބަންގްލަދޭޝް މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ބަންގްލަދޭޝްގެ 3،240 މީހުން ވަނީ ފައްސިވެފައެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ދިވެހިން މިބައްޔަށް ފައްސިވެފައިވާ އިރަށް ދެވަނަ އަށް އެންމެ ގިނަ އިން ފައްސިވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. ތިން ވަނަ އަށް ރާއްޖެއިރން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުގެ 752 މީހަކު ވަނީ ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއީ މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ 5.83 އިންސައްތައެވެ.

އިންޑިއާގެ އިތުރުން މި ބައްޔަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، ނޭޕާލް، އަދި ޗައިނާ ފަދަ ގައުމުތަކެވެ. ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން 18 މީހުންނަކީ ރާއްޖެއިން ބޭރު ގައުމަކުން އައި އިރު ބައްޔަށް ފައްސިވެފައިވާ ނުވަތަ އިމްޕޯޓެޑް ކޭސްތަކެވެ. އެއީ ފައްސިވި މީހުންގެ ނިސްބަތުން 0.14 އިންސައްތައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 ހަމައަށް މާލެ ސަރަޙައްދުން 28 މީހަކާއި، ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން 3 މީހަކު އަދި ހުޅުވާފައިވާ ރިސޯޓު ތަކުން 4 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. ހަދަމުންދާ ރިސޯޓަކުން އަދި އިންޑަސްޓްރިއަލް ރަށަކުން މިއަދު އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،889 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،728 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 237،737 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،119 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 95 މީހެކެވެ.