English Edition
Dhivehi Edition

މިހާތަނަށް ކޮވިޑް-19 ރާއްޖެއިން އެންމެ ގިނައިން ޖެހިފައިވަނީ ފިރިހެނުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިހާތަނަށް އެ ބަލި ދިވެހިރާއްޖެއިން 8،912 ފިރިހެނަކަށް ވަނީ ޖެހިފައެވެ. އެއީ ދިވެހިރާއްޖެއިން ބަލި ޖެހުނު މީހުންގެ ނިސްބަތުން 69.14 އިންސައްތައެވެ. މިހާތަނަށް މިބަލި ދިވެހިރާއްޖެއިން ޖެހިފައިވާ އަންހެނުންގެ އަދަދަކީ 3،957 އެވެ. އެއީ ބަލި ޖެހުނު މީހުންގެ ތެރެއިން 30.70 އިންސައްތައެވެ.

ކޮވިޑް-19 ދިވެހިރާއްޖެއިން ޖެހުނު ފިރިހެނުންގެ ތެރެއިން އެންމެ ގިނައިން އެ ބަލި ޖެހިފައިވަނީ އުމުރުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެ އުމުރުފުރައިގެ 2،408 ފިރިހެނަކަށް އެބަލި ޖެހިފައިވާ އިރު ދެވަނައަށް އެންމެ ގިނަ ފިރިހެނުންނަށް ބަލި ޖެހިފައިވަނީ އުމުރުން 31 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެ އުމުރުފުރައިގެ 2،347 ފިރިހެނަކަށް ކޮވިޑް-19 ޖެހިފައިވާއިރު ތިން ވަނަ އަށް އެންމެ ގިނަ އިން އެ ބަލި ޖެހިފައިވަނީ އުމުރުން 41 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެ އުމުރުފުރައިގެ 1،016 ފިރިހެނަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

އަންހެނުންގެ ތެރެއިން އެންމެ ގިނައިން ކޮވިޑް-19 ބަލި ޖެހިފައިވަނީ އުމުރުން 31 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށެވެ. އެ އުމުރުފުރައިގެ 877 އަންހެނަކަށް އެ ބަލި ވަނީ ޖެހިފައެވެ. ދެވަނަ އަށް އެންމެ ގިނައިން އެ ބަލި ޖެހިފައިވަނީ އުމުރުން 21 އަހަރާއި 31 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. އެ އުމުރުފުރައިގެ 865 އަންހެނަކަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވާއިރު ތިން ވަނަ އަށް އެންމެ ގިނައިން އެ ބަލި ޖެހިފައިވަނީ އުމުރުން 10 އަހަރުން ދަށުގެ އަންހެން ކުދިންނަށެވެ. އެ އުމުރުފުރައިގެ 481 އަންހެން ކުއްޖަކަށް ވަނީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 ހަމައަށް މާލެ ސަރަޙައްދުން 28 މީހަކާއި، ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން 3 މީހަކު އަދި ހުޅުވާފައިވާ ރިސޯޓު ތަކުން 4 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. ހަދަމުންދާ ރިސޯޓަކުން އަދި އިންޑަސްޓްރިއަލް ރަށަކުން މިއަދު އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،889 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،728 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 237،737 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،119 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 95 މީހެކެވެ.