English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ރާއްޖެއިން އިތުރު 35 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 ހަމައަށް މާލެ ސަރަޙައްދުން 28 މީހަކާއި، ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން 3 މީހަކު އަދި ހުޅުވާފައިވާ ރިސޯޓު ތަކުން 4 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. ހަދަމުންދާ ރިސޯޓަކުން އަދި އިންޑަސްޓްރިއަލް ރަށަކުން މިއަދު އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،889 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ފައްސިވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،728 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 237،737 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1،119 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 95 މީހެކެވެ.