English Edition
Dhivehi Edition

ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި.) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު (އެމް.އެސް.އެސް.) ގުޅިގެން އިންޑިއާގެ ތޫތުކުޑި އާއި އައްޑޫ އަދި ހުވަދުއަތޮޅާއި ދެމެދު ސީދާ ދަތުރު ފެށޭ ފުރަތަމަ ކާގޯ ފެރީ “އެމް.ވީ. ބޮންތި 2″ ތިނަދޫ އަށް އަންނާނެ ދުވަހެއް އަދި ބުނަން ނޭގޭ ކަމަށް އެމް.އެސް.އެސް. ގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ތޫތުކުޑި އާއި އައްޑޫ އަދި ހުވަދުއަތޮޅާއި ދެމެދު ދަތުރުކުރުމަށް އެމް.އެސް.އެސް. އިން ކަނޑައަޅާފައިވާ ” އެމް.ވީ. ބޮންތި 2″ ނަމަކަށް ކިޔާ ކާގޯ ބޯޓު މާލެއިން އިންޑިއާއަށް ދިއުމަށް ދަތުރު ފެއްޓުމާއި ގުޅިގެން އޭ.އޯ. ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކެޕްޓަން ނާޒިމް ވިދާޅުވީ ތިނަދޫ އަށް ބޯޓު އަންނާނެ ދުވަހެއް ބުނަން އެނގޭނީ އައްޑޫ ބަނދަރުން މުދާ ހުސްކުރުމުގެ ސްޕީޑަށް ބަލާފައިކަމަށެވެ.

މިއީ މި ބޯޓުގެ ފުރަތަމަ ދަތުރު ކަމަށްވާތީ އަދި ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް އަންނާނެ ކަމަށާއި މިވަގުތު ޝެޑިއުލް އާއި ބެހޭގޮތުން ސީދާ ޖަވާބެއް ދެއްވަން ދަތި ކަމުގައިވެސް ކެޕްޓަން ނާޒިމް ވިދާޅުވިއެވެ.

މި ޚިދުމަތް ދިނުމުގައި އެމް.އެސް.އެސް. ގެ ދައުރަކީ ހަމައެކަނި ކާގޯ އިންޑިޔާއިން އައްޑޫ އަދި ތިނަދޫ ބަނދަރަށް ގެންދިއުން ކަމަށާއި ބަނދަރުގައި ކުރަންޖެހޭ ކަންތައް ކުރިއަށްގެންދާނީ ސަރުކާރުން ކައުންސިލުތަކާއި މަޝްވަރާކޮށްގެން ކަމުގައި ކެޕްޓަން ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އަދި އެމް.އެސް.އެސް. އާއި ތިނަދޫ ކައުންސިލާއި ދެމެދު މަޝްވަރާކުރެވިފައި ނުވާކަމަށްވެސް ކެޕްޓަން ނާޒިމް މަޢުލޫމާތު ދިނެވެ.

ތިނަދޫ ޕޯޓް ސަރަހައްދު ސާވޭ ކުރަނީ – ފޮޓޯ: އޭއޯ ނިއުސް

ސަރުކާރުން ތިނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕޯޓު މެދުވެރިކޮށް މުދާ ބޭލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކެޕްޓަން ނާޒިމް ވިދާޅުވެފައިވާއިރު ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވެފައިވަނީ މުދާ ބޭލުމުގެ ކަންތައް ކުރިއަށްގެންދާނީ އެސް.ޓީ.އޯ. މެދުވެރިކޮށް ކަމުގައެވެ. އަދި މުދާ ބޭލުމަށް އެސް.ޓީ.އޯ. އަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަމްޖަދު ވަނީ ދެއްވާފައެވެ.

3700 ޓަނުގެ މުދާ ބަރުކޮށްލެވޭ މި ބޯޓުގައި ފިނިކޮށް 72 ޓަނުގެ މުދާ ގެނެވޭއިރު މިއީ ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި އިމްޕޯރޓް މުދާ ގެނެވޭނެ ފުރުޞަތަކަށްވާތީ ގިނަ ވިޔަފާރިވެރިން މިހާރުވެސް ދަތުރުތަކުގެ މަޢުލޫމާތު ސާފު ކުރައްވަން އެމް.އެސް.އެސް. ހޮޓްލައިނަށް ގުޅުއްވަމުން ގެންދަވާކަން ކެޕްޓަން ނާޒިމް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ސަބްސިޑިއަރީ ކުންފުންޏެކެވެ.

ކުރިން ޓުޓިކޮރިން ނަމަކަށް ކިޔުނު އިންޑިއާގެ ތޫތުކުޑި ޑިސްޓްރިކްޓް އަކީ ތަމިލް ނާޑޫ އަށް ނިސްބަތްވާ އިގްތިސާދީ ސަރަހައްދެކެވެ.