English Edition
Dhivehi Edition

ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްގެން ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކުރުމަށް ނިންމައިފައިވާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އެމް.ޓީ.ސީ.ސީ އިން ދެކުނުގެ އަތޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެ ރަށަށް ކުރެއްވި މި ދަތުރުފުޅުގައި އާދަމް އާޒިމްގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އަދި ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ. އަހްމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.

ސަރުކާރުން 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 600 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫޢު, މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށްފައިވަނީ 10 ނޮވެންބަރު 2020 ގައެވެ.

މި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. ފަރެސްމާތޮޑާގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭ އަކާއެކު ޑޮމެސްޓިކް އެއާޕޯޓެކެވެ. އެއަރޕޯޓް އެޅުމަށްޓަކާ އެރަށުގެ ފަޅުތެރެއިން ނަވާރަ ޕޮއިންޓް އަށެއް ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.