English Edition
Dhivehi Edition

މެދު ރާއްޖެތެރޭގެ ރަށެއްގައި މަންމަ އާއި ތިން ދަރިންނަށް ތިން މަސްވަންދެން ރުގްޔާގެ ނަމުގައި އަނިޔާކޮށް ރޭޕްކުރި މައްސަލައާއި ގުޅިގެން ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު މައިންނަށް އަނިޔާކުރި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި ރަސްމީކޮށް މި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އަންހެން މީހާ އާއި އޭނާގެ އާއިލާ އިން މި ހާދިސާ އާއި ގުޅޭ މައުލޫމާތު ރާއްޖޭގެ ބައެއް މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު އާއިލާއިން ބުނީ ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި އަންހެންމީހާ އާއި ތިން ދަރިން ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިކަމަށެވެ. ފިރިމީހާ ގަބޫލުކުރި ގޮތުގައި އަބަދުވެސް މައިގްރެއިންގެ ވޭނުގައި އުޅެމުންދިޔަ އަންހެން މީހާ އަށް ކުރިމަތިވާ ވޭނަކީ ، ޖިންނީގެ އުނދަގުލާ ހެދި ވާ ކަމެއްކަމަށެވެ. އަދި އެކަން ރަގަޅުކުރުމަށް އެމީހުން ދިރިއުޅެމުން ދިޔަ ގެއަށް ރުޤްޔަކުރާ މީހަކު ގެނެސް އަންހެން މީހާއަށް ފަރުވާކުރުމުގެ ނަމުގައި ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ގިނަ އަނިޔާތަކެއްކޮށްފައިވާއިރު އެ އަންހެންމީހާއަށް ވަނީ ޖިންސީ ގޯނާވެސް ކޮށްފައެވެ. 03 ކޮޓަރީގެ ގެއެއްގައި އެ އަންހެންމީހާއާއި ދަރިން ބަންދުކޮށްގެން ގެންގުޅުނު އިރު އެ އަންހެންމީހާގެ ގަޔަށް އަންހެން ޖިންނިއެއް ވަދެފައިވާކަމަށް ބުނެ އޭނާ ގައިގައި ތަޅާ އަނިޔާކޮށްފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ހެދީ، ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ އަންހެން މީހާ، އެހެން ކައިވެންޏެއްކޮށް ލިބިފައިވާ 03 ކުދިންގެ ތެރެއިން 07 އަހަރުގެ ކުއްޖާ އާއި ޖިންނި އަވަލާފައިވާ ކަމަށް ބުނެ އެކުއްޖާއަށްވެސް އަނިޔާކޮށް ރޭޕްކޮށްފައިވާ ކަމަށް އާއިލާއިންވަނީ ބުނެފައެވެ. އަދި އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އަދިވެސް ތަނެއްގައި އިށީދެގެން އިންނަން އުދަގޫކަމަށް އާއިލާއިން ބުނެފައިވާއިރު، އެ ކުދިންނަށް ނަފްސާނީ ގޮތުންވެސްވަނީ ގިނަ ގެއްލުންތަކެއް ލިބިފައެވެ.

މީގެ އިތުރުން ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައިތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަކަމަށާއި އާއިލާއިން ރިޕޯޓްކޮށްގެން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލުމުން ދެވަނަ ފަހަރަށް ޖެންޑާ މިނިސްޓްރީގެ ހަބަރެއްވެފައިނުވާކަމަށްވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ. އެ އަންހެންމީހާ ކުރި މަސައްކަތުން މި މަހުގެ 30 ވަނަ ދުވަހު ފިރިމީހާގެ ގެއިން ސަލާމަތްވެފައިވާއިރު، މި މައްސަލައިގައި ކަމާއި ގުޅޭ އިދާރަތަކުން ފަރުވާ ކުޑަކޮށްފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.