English Edition
Dhivehi Edition

މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމް.ޕީ.އެލް) އިން ކޮވިޑް 19ގެ ލޮކްޑައުންގައި، އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިންކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލަ އެއް ފެންމަތިވެ، މިކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުއައްޒަފުން ސަސްޕެންޑްކޮށްފިއެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް 19ގެ ލޮކްޑައުންގައި، އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިންކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައިވާކަމަށާއި މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ފާހަގަކުރެވުމާއެކު އެކަންތައް ބެލުމަށް ތަހްޤީގުކުރަމުންދާކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ފުލުހުންނަށްވެސް ހުށަހަޅާފައިވާކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތަކަކީ އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއްކަން ފާހަގަކޮށް އެމްޕީއެލް އިން ބުނީ މި މައްސަލައާއި ގުޅިގެން އެ ކުންފުނިން ހިންގަމުންދާ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މިކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ މުއައްޒަފުން ސަސްޕެންޑްކޮށްފައިވާކަމަށެވެ، އަދި މިފަދަ އަމަލުތަކުގައި ޝާމިލްވާ މުއައްޒަފުންނާއި މެދު ކުންފުނީގެ ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެ ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.