English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރު 65 ވީލްޗެއާރ ހަދިޔާކުރަން ނިންމައިފިއެވެ.

2017 ވަނަ އަހަރު ބީއެމްއެލް އިން ފެށި ޕްރޮމޯޝަނެއް ކަމަށްވާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ ދަށުން، މިހާތަނަށް އެކުންފުނިންވަނީ ނުކުޅެދުންތެރިކަން ހުންނަ 100 އަށްވުރެ ގިނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާރ ހަދިޔާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާރ ހަދިޔާކޮށް، އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމުގައި އެހީތެރިވެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިމަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޓިމް ސޯޔާ ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

“މިފަދަ ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް” ޓިމް ސޯޔަރ ވިދާޅުވިއެވެ.

ޓިމް ސޯޔަރ އިތުރަށް ވިދާޅުވި ގޮތުގައި އެބޭންކުގެ އަމާޒަކީ ވީލްޗެއަރގެ ބޭނުންޖެހިފައިވާ ވީހާވެސް ގިނަ މީހުންނަށް ވީލްޗެއަރ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުމެވެ. އެގޮތުން މިއަހަރުތެރޭގައި 39 ރަށަކަށް 65 ވީލްޗެއާރ ހަދިޔާކޮށް، ނުކުޅެދުންތެރިކަން ހުންނަ 140 އަށްވުރެ ގިނަ ފަރާތްތަކަށް އެބޭންކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިގެންދާނެކަމަށް ބީއެމްއެލްގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއަރ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއަރ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން.” ޓިމް ސޯޔަރ ވިދާޅުވިއެވެ.