ރާއްޖެއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އިއްޔެ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 45 މީހަކާއި، ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތަކުން 07 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ހޯމަ ދުވަހުވެސް 150 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،810 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1،851 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 234،712 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 95 މީހެކެވެ.