English Edition
Dhivehi Edition
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީއީއޯ، އަލްފާޟިލް އާދަމް އާޒިމް، އައްޑޫ ސިޓީ ކައުންސިލާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުމަކީ އެކުންފުނިން އައްޑޫގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

އިއްޔެ ހެނދުނު ކައުންސިލް އިދާރާގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި އާދަމް އާޒިމް ވަނީ އެ ކުންފުނިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވައިފައެވެ. އެގޮތުން އައްޑޫ ސިޓީގައި އެމް.ޓީ.ސީ.ސީން މިހާރު ޖުމްލަ ފަސް މަޝްރޫޢަކާއި، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ތިން މަޝްރޫޢެއް ކުރިއަށްގެންދާ ކަމުގައި އާދަމް އާޒިމް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އާދަމް އާޒިމް ވިދާޅުވީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މީދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހުގެ ނިޔަލަށް އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމުގައެވެ. މީގެ އިތުރުން ހުޅުދޫ ބަނދަރުގެ 38 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ. އަދި މަރަދޫ ބަނދަރުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައިވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ސީ.އެސް.އާރް މަޝްރޫޢެއްގެ ގޮތުގައި މަރަދޫ ބަނދަރުގެ ބޭރު ތޮށި ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވީ އެމް.ޓީ.ސީ.ސީން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާއިރު، އެ ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ކުންފުންޏާއެކު މިފަދަ މަސައްކަތްތައް އައްޑޫ ސިޓީގައި ކުރިއަށްގެންދެވޭނެ ކަމުގައި އުއްމީދުކުރައްވާ ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި އެމް.ޓީ.ސީ.ސީގެ ބައެއް އިސްވެރިންނާއި، އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންގެ އިތުރުން ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ސެކްޝަނުން ބައިވެރިވެލެއްވިއެވެ.