English Edition
Dhivehi Edition

ގދ. ގައްދޫ ކައުންސިލުން އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހަދަން ފަށާފައިވާ ޗޭންޖިންގ ރޫމްގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމަން އަމާޒު ހިފައިފިއެވެ.

ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް “އޭއޯ ނިއުސް” އާ ވާހަކަ ދައްކަމުން ވިދާޅުވީ ޗޭންޖިންގ ރޫމްގެ މަސައްކަތަކީ ނިމިދިޔަ ކައުންސިލްއިން ފަށާފައިވާ މަސައްކަތެއް ކަމަށާއި އަދި އެ އިމާރާތް އެއްކޮށް މަސައްކަތް ނިމި ގައްދޫ ރައްޔިތުންނާއި ވަކިން ހާއްސަކޮށް ރަށުން ބޭރުން ގައްދޫއަށް އަންނަ ކުޅުންތެރިންނަށް ފަސޭހަތަކެއް ލިބިގެން ދިޔުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.

ގައްދޫ ކައުންސިލް ހަދަމުންދާ ޗޭންޖިންގ ރޫމްގައި ރެފްރީންނަށް ހާއްސަ ކުރެވިފައިވާ ރޫމް އަކާއި ޓީމުތަކަށް ހާއްސަ ކުރެވިފައިވާ ދެ ރޫމަކާއި ސްޓޯރ އަކާއި ސުޓޭޖެއް ހުންނާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ގައްދޫ ކައުންސިލުން ދެ ފިޔަވައްސަކަށް ބަހާލައިގެން “ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކުރެވިފައިވާ މި މަސައްކަތަކީ 60 ދުވަސް ތެރޭގައި ނިންމަން ޖެހޭ މަސައްކަތެކެވެ. މި މަޝްރޫޢުއަކީ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން 225،000 ރުފިޔާ ހަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށްވެސް އެ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ މި އުދަނގޫ ވަގުތު ޕްރޮޖެކްޓުތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައްޔާން ވިދާޅުވީ ” އަޅުގަނޑުމެން މިތިބީ ކޮވިޑްގެ ދަތީގައި، އެނގިވަޑައިގަންނަވާނެ ކައުންސިލްތަކުގެ ބަޖެޓް ވެސް މިވަނީ އެތައް ތަނަކުން ކުޑަ ކޮށްފަ، އެހެން ނަމަވެސް ކޮވިޑް ވެގެން އަޅުގަނޑުމެންނަކަށް ހުއްޓި ތިބެވޭކަށެއް ވެސް ނެތް، ކޮވިޑް އާއެކު ހިއްވަރު ކޮށްފަ އުޅެންވެސް އެބަޖެހޭ. އަޅުގަނޑުގެ ތަޖްރިބާ އަކީ، ކަމެއް ކުރަން އެންމެން އެކައްޗެއް ކިޔާ ނުކުތީމަ ކިތަންމެ ގޮތެއް އެބަ ހޯދޭ ”

ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ކޮވިޑްގެ މި ދަތި އުދަނގޫ ވަގުތުވެސް ޕްރޮޖެކްޓްތައް ހިންގެނީ އެކަމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކަމަށާއި އެގޮތުން ކައުންސިލް އިދާރާގެ މުއައްޒަފުންނާއި ރަށުގެ ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާކަމެވެ.