English Edition
Dhivehi Edition
ފޮޓޯ: ހުވަދޫ ނިއުސް

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ 8 ވަނަ އަހަރީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއް ވަނަ 3 ދަރިވަރަކަށް ލިބިއްޖެއެވެ.

އެގޮތުން މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބިފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާހިލް މުހައްމަދު ޒާހިރް އަށެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބިފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޔާން ޝިޒާން އަދި އެ ސްކޫލުގެ އައިޝަތު ޔާޝާ ހުސައިން އަށެވެ.

މި ތިން ދަރިވަރުންނަށް ވެސް ވަނީ އިނާމެއްގެ ގޮތުން އުމްރާ ދަތުރު ލިބިފައެވެ.

މިމަހުގެ 19 އިން 21 އަށް ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ ބޭއްވި މި ޤުރުއާން މުބާރާތުގެ ދެ ގޮފި އެއްކޮށް އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލެވެ. އަދި ދެވަނަ ސްކޫލަކަށް ތިނަދޫ ސްކޫލް ހޮވިފައިވާއިރު ތިންވަނަ ހޯދާފައިވަނީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ފޮޓޮ: ގާފު.އެމްވީ

މިރޭ ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ދިޔަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ގދ.ކާޑެއްދޫ އެއާރޕޯޓްގެ މެނޭޖަރ މުހައްމަދު ޝަރީފެވެ.

ސްކޫލް، ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކްލާސް، ޕްރީސްކޫލް އަދި އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި އަދި ޙާފިޡުކަމުގެ ގޮފި ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 238 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން މުބާރާތް އިންތިޒާމުކުރުމާއި ހަވާލުވެހުރި، ތިނަދޫ ކައުންސިލުގެ އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމެންޓް އޮފިސަރ އާރިފް މުޙައްމަދު ވިދާޅުވި ގޮތުގައި މިއީ، ކުޑަ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި ބޭއްވުނު މުބާރާތެއް ކަމަށްވެސް އާރިފް ވިދާޅުވިއެވެ.