English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާއަށް "އީ.ޕީ.އެސް ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން “އީ.ޕީ.އެސް. ހަނދާން” ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެ މަޖައްލާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނަށް “އީ.ޕީ.އެސް. ހަނދާން” މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވާފައިވާތީ، އީ.ޕީ.އެސް. ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި އީ.ޕީ.އެސް. ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހުރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އީ.ޕީ.އެސް. ސްކޫލްގެ ފަރާތުން އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސްގެ އިތުރުން އެ ފައުންޑޭޝަންގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.