English Edition
Dhivehi Edition

29 ރަށެއްގެ އައުޓްޑޯރ ޖިމުގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ގދ. އަތޮޅު ތިނަދޫ، ގައްދޫ އަދި ހޯނޑެއްދޫގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ސޮއިކޮށްފިއެވެ.

ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ސޮއި ކުރައްވާފައިވާ މި އެއްބަސްވުމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމް ތަކުގެ ތެރެއިން 29 ރަށެއްގެ އައުޓްޑޯރ ޖިމުގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މަސައްކަތައް ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓރ މުޙައްމަދު ނާސިޙް ރަޝީދު އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އައުޓްޑޯ ޖިމްތައް އެޅުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވާ ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުން ކަމުގައެވެ. މިގޮތުން އައުޓްޑޯ ޖިމްތައް އާންމު ތަންތަނުގައި އިންސްޓޯލް ވުމުން ޒުވާނުންނާއި މުސްކުޅިންނަށް ކަސްރަތު ކުރެވޭނެ މަގުފަހި ވެގެން ދާނެ ކަމަށެވެ.

އާބާދީ ބޮޑު 61 ރަށަކަށް އަމާޒު ކޮށްގެން އެޅޭ އައުޓްޑޯ ޖިމްތައް އަޅަން ހަމަޖެހިފައިވަނީ އިންސްޓޯލް ކުރަން ދެ ފަރާތަކާއި ޙަވާލުކުރެވިގެން ކަމަށް ނާސިޙް ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ހަވާލުކޮށްފައިވާ ޕްރައިވެޓް ކުންފުއްޏެއް ކަމުގައިވާ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި މަސައްކަތް ހަވާލު ކުރެވުނު 29 ރަށުގެ މަސައްކަތް 51 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެއްބަސް ވެފައިވާކަން ނާސިޙް ފާހަގަ ކުރެއްވިއެވެ.