English Edition
Dhivehi Edition
އަލިފާން ރޯވެފައިވާ ދޯނި އޮތް ސަރަހައްދުގައި ސިފައިން ހަރަކާތްތެރި ވަނީ - ފޮޓޯ: ގާފު

ގދ. ތިނަދޫ ފަޅުގައި އަޅާފައި އޮތް “ރާސްތާ” ނަމަކަށް ކިޔާ ދޯންޏެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ހަތަރު މީހުންގެ ހާލުވެސް ‘ސްޓޭބްލް’ ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ސާލިމް އަލީ އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި ހާދިސާގައި ފިހުނު ހަތަރު މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ މީހާއަށެވެ. އެ މީހާގެ ހަށިގަނޑުގެ 54 އިންސައްތަ ފިހިފައިވާ އިރު ދެވަނަ އަށް އެންމެ ބޮޑަށް އަނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ މީހަކަށެވެ. އެމީހާގެ ހަށިގަނޑުން ވަނީ 50 އިންސައްތަ ފިހިފައެެވެ.

އަދި އެ ހާދިސާގައި އަނިޔާވި އުމުރުން 40 އަހަރުގެ މީހާގެ ހަށިގަނޑުން 30 އިންސައްތަ ފިހިފައިވާއިރު އެ ހާދިސާގައި އަނިޔާވި 38 އަހަރުގެ މީހާގެ ހަށިގަނޑުން 20 އިންސައްތަ ވަނީ ފިހިފައެވެ. މިހާދިސާގައި މުޅިންވެސް އަނިޔާވެފައިވަނީ ގދ.ތިނަދޫ އަށް ނިސްބަތްވާ ހަތަރު ފިރިހެނަކަށެވެ.

ރޭ 00:34 ހާއިރު، ހިނގި މި ހާދިސާ، ހިނގާފައިވަނީ ދޯނީގައި ބޭނުން ކުރާ ގޭސްފުޅިން ގޭސް ލިކުވެގެން ކަމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ މި އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި 05 މީހަކު ތިއްބެވެ.