English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އެޗްޕީއޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން މާލޭ ސަރަހައްދުގެ އިތުރުން 12 ރަށެއްގައި މިވަގުތު އެބަތިއްބެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ލިބިފައިވާ މައުލޫމާތު ތަކަށް ބިނާކޮށް އެޗް.ޕީ.އޭއިން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަލި ޖެހިފައިވާ 5 ދިވެއްސަކާއި 7 ބިދޭސީއެއް މިވަގުތު މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށް ތަކުގައި އެބަތިއްބެވެ. އެގޮތުން ހދ. ނޭކުރެންދޫ، ށ. ޅައިމަގު، ރ. އިނގުރައިދޫ، ބ. ގޮއިދޫ އަދި ގއ. ނިލަންދޫގައި މިވަގުތު ބައްޔަށް ފައްސިވެފައިވާ ދިވެހިން އެބަތިއްބެވެ. ހދ. ނޭކުރެންދޫ އިން ފައްސިވެފައިވާ މީހާއަކީ ބަލި ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެގެން ފައްސިވެފައިވާ މީހެކެވެ. އަދި ދިވެހިން ފައްސިވެފައިވާ އިތުރު މީހުން ތިބި ރަށްތަކުގެ މީހުންނަކީ ފުރަބަންދުގައި ތިއްބައި ދަނިކޮށް ފައްސިވެފައިވާ ކަން އެނގިފައިވާ މީހުންނެވެ.

މީގެ އިތުރުން ބިދޭސީން ފައްސިވެފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ށ. ފޭދޫ، ބ. ކެންދޫ، ކ. ހުރާ، ކ. މާފުށި އަދި އއ. އުކުޅަސް އެވެ. މި ރަށްތަކުގެ ތެރެއިން ކ. ހުރާ، ކ. މާފުށި އަދި އއ. އުކުޅަސް އިން ފައްސިވެފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިންނެވެ. މި މީހުން ފައްސިވެފައިވާކަން އެނގިފައިވަނީ ޗުއްޓީ ހޭދަކޮށް ނިންމާލުމަށްފަހުން ރާއްޖެއިން ފުރުމުގެ ކުރިން ހެދި ޓެސްޓުންނެވެ.

މިވަގުތު މޮނީޓަރިންގ ހާލަތުގައި އޮތީ ކ. މާފުށި އެކަންޏެވެ. އެރަށް މޮނީޓަރިން ހާލަތަށް ގެނެސްފައި ވަނީ އެރަށުގެ ގެސްޓު ހައުސްއެއްގައި ހުރި ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެ ރަށް މޮނީޓަރިންގ އަަށް ލާފައިވާކަން އަންގާ އެޗް.ޕީ.އޭއިން އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ، މިއަދު 15:43 އިން ފެށިގެން އެރަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,763 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 344 މީހަކު އެބަތިއްބެވެ. މިވަގުތު ކޮވިޑް-19 އަށް ރާއްޖޭގައި 956 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ހޮސްޕިޓަލްތަކުގައި 86 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެހިންނާއި 08 ބިދޭސީންނެވެ.