English Edition
Dhivehi Edition
ފޮޓޯ: ބުކިންގ.ކޮމް

އއ. އުކުޅަހުން ފަތުރުވެރިޔަކު މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި މިއަދު ފައްސިވެފައިވަނީ އެ ރަށު ނަލަވެލި ގެސްޓްހައުސްގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއެކެވެ. އެ ރަށު ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި މިއަދު ފައްސިވި ފަތުރުވެރިޔާ ފައްސިވެފައިވާކަން އެނގުނީ އެނބުރި ގައުމަށް ފުރުމުގެ ކުރިން ހަދާ ކޮވިޑް ޓެސްޓުގެ ނަތީޖާއިންނެވެ.

މީގެ އިތުރުން ފައްސިވި ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށްވެސް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ފަތުރުވެރިޔާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަށް އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިފަތުރުވެރިޔާ ފައްސި ވިކަމުގައި ވީނަމަވެސް އެރަށް މޮނީޓަރިންގެ ހާލަތައް ނުލާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެ ރަށު ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ރަށުގައި ގެސްޓްހައުސްތައް ހިންގަމުންދާ ބައެއް ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކުރަމުންދާ ކަން އެ ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެ ފަދަ ގަވާއިދުތަކާއި އުސޫލުތަކަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގައިޑްލައިންތަކަކަށްވާއިރު ހުރިހާ ފަރާތްތަކުންވެސް އުސޫލުތަކަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް 17 ދިވެހިންނާއި 15 ބިދޭސީން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރައިފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހި މިހާތަނަށް 11،559 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 341 މީހުން ތިިބިއިރު 82 މީހަކު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނެވެ.