English Edition
Dhivehi Edition
ފޮޓޯ: ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓު ފޭސްބުކް ޕޭޖް

ގއ. އަތޮޅުގެ ރިސޯޓެއް ކަަމަށްވާ ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓުން 3 ފަތުރުވެރިއަކު ކޮވިޑް-19 އަށް މިއަދު ފައްސިވެއްޖެ އެވެ.

އެ ރިސޯޓުން މިއަދު 3 ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެ އަތޮޅު ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

“މި އަތޮޅުގެ ރިސޯޓެއް ކަމަށްވާ ޕުލްމަން މާމުޓާއިން މިއަދު 3 ފަތުރުވެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިގެންދަނީ ކުރަމުންނެވެ.” ގއ. އަތޮޅު ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އާއްމު އެއްވެސް ފަރާތަކުން އެރަށަށް އެރުމަކީ އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫން ކަމަށާއި އެެރަށުގައި މިވަގުތު ތިއްބެވި މުވައްޒަފުންނާއި އެހެނިހެން ފަރާތްތައް އެރަށް ދޫކޮށް މީހުން އުޅޭ އެހެން ތަނަކަށް ނުވަތަ ރަށަކަށް ދިއުމަކީވެސް ރައްކާތެރި ކަމެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ގއ. އަތޮޅުން މިހާތަނަށް ކޮވިޑް-19 އަށް 28 މީހަކު ވަނީ ފައްސިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު 18:00 އާއި ހަމައަށް 17 ދިވެހިންނާއި 15 ބިދޭސީން ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 12،578 އަށް އަރައިފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހި މިހާތަނަށް 11،559 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 341 މީހުން ތިިބިއިރު 82 މީހަކު އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންނެވެ.