English Edition
Dhivehi Edition

ސުޝާންތު ސިންގްގެ މަރާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން އެންސީބީ އޮފިސަރަކު މީގެ ކުރިން ދިން އިންޓަވިއުއްގައި ބުނީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ ސުވާލުކުރަން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާނެކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންނާ ސުވާލު ކުރެވޭނެކަމަށެވެ. ޑިލީޓު ކޮށްފައިވާ ޗެޓް ލޮގުތަކެއް އަލުން ރީޓްރީވް ކޮށް، ބެލި ބެލުމުގައި ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބިނާކޮށް އެންސީބީއިން ކުރިއަށް ގެންދާ ތަހުގީގުގައިއަނެއްކާވެސް މިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު ތަރިއެއް ދިރިއުޅެމުންދާ ގެ ބަލާ ފާސްކޮށްފައެވެ.

ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އެންސީބީ އިން ކުރިއަށް ގެންދާ ތަހުގީގަށް ބޮލީވުޑްގެ ތަރިންނާއި ޓީވީ ތަރިންނަށް ‘ފާރަލަމުން’ އަންނައިރު މިފަހަރު އެމީހުންގެ ރާޑަރަށް އަރާފައިމިވަނީ މަޝްހޫރު ކޮމެޑިއަން ބާތީ ސިންގްއެވެ. އެންސީބީ އިން ބާތީ އާއި ފިރިމީހާ ހަރްޝް، މުމްބާއީގައި ދިރިއުޅެމުން އަންނަ ގެ ބަލާ ފާސްކޮށްފައިވާއިރު، މި އޮޕަރޭޝަނާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ. އެންސީބީ އިން ބާތީގެ އިތުރުންވެސް ގިނަ ޓީވީ ތަރިންގެ ގެތައް ބަލާ ފާސްކޮށްފައިވާއިރު ބައެއް ތަރިންވަނީ އެންސީބީ އަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. ‘ޖަލަކް ދިކްލާޖާ’ އާއި ‘ނަޗް ބަލިއޭ’ ގެ އިތުރުން ‘ ދި ކަޕިލް ޝަރްމާ ޝޯ’ އިން ގިނަ ބައެއްގެ މަގޫބޫލުކަމާއި ލޯބި ހޯދާފައިވާ ބާތީ މަޝްހޫރުވެފައިވަނީ ފަސޭހައިން މީހުން ހެއްވާލުމުގެ ހުނަރު ލިބިފައިވާ ތަރިއެއްގެ ގޮތުގައެވެ.

އެންސީބީ އިން ކުރިއަށް ގެންދާ ތަހުގީގާއި އެކު ބޮލީވުޑްގެ އަދިރި ފަރާތުގެ ގިނަ ސިއްރުތަކެއް ބޭޒަރުވަމުން އަންނައިރު މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކެއްގެ ވެސް ވަނީ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޓެގު