English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

މިއަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންބީއެސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 2019 ވަނަ އަހަރު ސަރުކާރުގެ އިޖުތިމާއި ރައްކާތެރިކަމުގެ އެހީތެރިކަން 4،375 ކުއްޖަކަށް ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން މިދިޔަ އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކުދިންގެ ތެރެއިން 4،233 ކުއްޖެއްގެ ބެލެނިވެރިންނަށް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ލިބިފައިވާއިރު 142 ކުއްޖެއްގެ ބެލެނިވެރިންނަށް ދޫކޮށްފައިވަނީ ފޮސްޓަރ ބެލެނިވެރިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސެވެ.

އެންބީއެސް އިން މިދިޔަ އަހަރަށް ބިނާކޮށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން 4.4 އިންސައްތަ ކުދިންނަކީ ވާހަކަ ދެއްކުމާއި ކަންތައްތައް ހަނދާނުގައި ބެހެއްޓުމުގައި ދަތިތަކެއް ހުރި ކުދިންނެވެ. އެއީ އުމުރުން 5 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ މެދުގައެވެ. އަދި އެގޮތުން އެ އުމުރުގެ އަންހެން ކުދިންގެ 4.0 އިންސައްތަ ކުދިންގެ ފަރާތުން އެ ކަންތައް ފާހަގަކުރެވިފައިވާއިރު ފިރިހެން ކުދިންގެ 4.7 އިންސައްތަ ކުދިންގެ ފަރާތުންވަނީ އެކަންތައް ފާހަަގަކުރެވިފައެވެ.

މީގެ އިތުރުން އުމުރުން 5 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 5 އިންސައްތަ އަންހެން ކުދިން ދިގު މުއްދަކަށް ބޭސްކުރަންޖެހޭ ނުވަތަ ދާއިމީ ބައްޔެއް ތަހައްމަލު ކުރަމުން އަންނަ އިރު މި މައްސަލަ ބޮޑަށް ދިމާވެފައިވަނީ އެ އުމުރުގެ ފިރިހެން ކުދިންނަށެވެ. އެއީ ފިރިހެން ކުދިންގެ 7 އިންސައްތަ ކުދިންނަށެވެ. އެގޮތުން ދިގު މުއްދަތަށް ބޭސްކުރަން ޖެހޭ ބަލިތައް ތަހައްމަލު ކުރަމުން އަންނަ ކުދިންގެ ތެރެއިން 15 އިންސައްތަ ކުދިން ތަހައްމަލު ކުރަމުން އަންނަނީ ނަފްސާނީ ބަލިތަކެވެ. ދެވަނައަށް އެންމެ ގިނަ ކުދިން ތަހައްމަލު ކުރަމުން އަންނަނީ ނޭވާލާ ނިޒާމާއި ގުޅިފައިވާ ބަލިތަކެވެ. އެއީ 14 އިންސައްތަ ކުދިންނެވެ. މީގެ އިތުރުން ސިކުނޑި އަދި ނާރުގެ ބަލިތަކާއި ހިތުގެ ބަލިތައް، ހަޖަމުކުރުން އަދި ބަނޑުގެ އެހެނިހެން މައްސަލަތަކާއި ހަކުރުބަލި ފަދަ ބަލިތައް ކުޑަކުދިން ތަހައްމަލު ކުރަމުން އަންނަ ކަމަށްވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް ހިނގަމުންދާ ގޮތުން، އެހީ ހައްގުވާ ބައެއް މީހުން އިސްތިސްނާ ވަމުންދާތީ މިދިޔަ އަހަރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ޖެންޑަރ މިނިސްޓްރީ އަދި ފެމިލީ ސޯޝަލް ސަރވިސަސް އިން ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފައެއް ހޯދަން ހުށައަޅާފައެވެ. އެގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި އޭރު ބޭނުންކުރަމުން އައި މިނިމަމް ޔުނިޓަކީ، “ގޭބިސީ” (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުނެވެ.

އަދި މަޝްވަރާތަކަށްފަހު ގެނެވުނު ބަދަލުތަކުގެ ތެރޭގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް ކަނޑައެޅުނެވެ. މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ.