English Edition
Dhivehi Edition

ރަމަޟާން މަހާ ދިމާކޮށް މިފްކޯގެ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ އަގުހެޔޮ ކޮށްފި އެވެ. ފެލިވަރުގެ މަސްދަޅުގެ ހަތަރު ބާވަތަކުން އަގުހެޔޮ ކޮށްފައިވާއިރު މަސްދަޅު ކޭހަކުން ވަނީ ސަތޭކައެއްހާ ރުފިޔާ އަގުހެޔޮކޮށްފަ އެވެ. އަދި ކޮންމެ މަސްދަޅަކުން ދެ ރުފިޔާ ވަނީ އަގުހެޔޮކޮށްފަ އެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ފެންމަސްދަޅެއް ވިއްކާނީ، 13.75 ރުފިޔާއަށެވެ. އަދި ފެންމަސް ދަޅު ކޭހެއް ވިއްކާނީ 635 ރުފިޔާއަށެވެ. އިކޮނޮމީ ޕެކް ފެން މަސްދަޅެއް ވިއްކާނީ 12.50 ރުފިޔާއަށް އަދި އޮކޮނޮމީ ޕެކް ފެން މަސްދަޅު ކޭހެއް ވިއްކާނީ 574 ރުފިޔާއަށެވެ. ތެޔޮ މަސްދަޅެއް ވިއްކާނީ 14.50 ރުފިޔާއަށް، އަދި ތެޔޮ މަސްދަޅު ކޭހެއް ވިއްކާނީ 670 ރުފިޔާއަށެވެ. އިކޮނޮމީ ޕެކް ތެޔޮ މަސްދަޅެއް 13 ރުފިޔާއަށް ހެޔޮކޮށްފައިވާއިރު އޭގެ މަސްދަޅު ކޭހެއް ވިއްކާނީ 612 ރުފިޔާއަށެވެ. މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުންވެސް އެ އަގުތަކުގައި މަސްދަޅު ލިބެން ހުންނާނެ ކަމަށެވެ. ރޯދައާ ދިމާކޮށް މިފްކޯއިން ވަނީ މަސްދަޅު އުފައްދާ މިންވަރު އިތުރުކޮށްފަ އެވެ. ފަސްމީރު ބްރޭންޑުގެ އިތުރުން އެހެން ބާވަތްތަކުން ވެސް އެކަށީގެންވާ ވަރެއްގެ ބޮޑު ޑިސްކައުންޓެއް ދޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.