English Edition
Dhivehi Edition
ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ. --ފޮޓޯ: އޭޕީ

މި ފަހަރުގެ ސީޒަނަށް ލިވަޕޫލަށް ގެނައި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އަށް އެ ޓީމުގެ ލެޖެންޑް އަދި ކުރީގެ ކޯޗު ކެނީ ޑަގްލީޝް ތައުރީފުކޮށްފިއެވެ.

ވުލްވްސް އިން 41 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ލިވަޕޫލަށް ބަދަލުވެ މޮޅުކުޅުމެއް ދައްކަމުން އަންނަ ޔޮޓާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ހެޓްރިކެއް ހަދާފައެވެ. އަދި މި ސީޒަނުގައި މިހާތަނަށް އެ ޓީމަށް ކުޅެދިން 11 މެޗުގައި ހަތް ލަނޑުޖަހާފައިވާއިރު، މުހިއްމު މެޗުތަކުގައި އޭނާ ދަނީ ތަފާތު ދައްކަމުންނެވެ.

“ލިވަޕޫލަށް ބަދަލުވެ އެހާ އަވަހަށް ޓީމަށް ހޭނިފަ، ރަނގަޅު ކުޅުމެއްދައްކައި ގިނަ ގޯލްތަކެއް ޖަހާފައިވުމަކީ ޔޮޓާ އަށް ކުރިއަށް އޮތް ތަނުގައި ނުހަނު ބޮޑަށް އެހީވާނެ ފަދަ ކަމެއް،”

“އަނެއްކޮޅުން ބައެއް މެޗުތަކުގައި ފުރަތަމަ އެގާރައިގައި ނުހިމެނުނު ނަމަވެސް ބެންޗުން އަރާ ވެސް އޭނާ ދަނީ ތަފާތު ދައްކަމުން. މިކަމުގެ ސަބަބުން ސަޕޯޓަރުންގެ ކިބައިން އޭނާ އަށް އޮންނަ އިތުބާރުވެސް ބޮޑުވެގެންދާނެ.” ލިވަޕޫލް އެކޯ އަށް ދިން އިންޓަވިއުއެއްގައި ޑަގްލީޝް ބުންޏެވެ.

ޑަގްލީޝް އިތުރަށް ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަކަށް ބަދަލުވެ އެހާ އަވަހަށް ހޭނިފަ، ރަނގަޅު ފޯމެއްގައި ކުޅެމުންދިއުމަކީ ކްލަބުގެ އިތުރުން އެ ކުޅުންތެރިޔާ އަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މީގެއިތުރުން، ޑަގްލީޝް ވަނީ ޔޮޓާ އައުމާއެކު ލިވަޕޫލްގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ ވިދުން ފަނޑުވެފައިވީނަމަވެސް އޭނާ އަކީ ޓީމަށް ފައިދާހުރި ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.

ޑަގްލީޝް ބުނީ ފިރްމީނޯ އަކީ ކޮންމެ މެޗަކު ލަނޑެއްނުޖެހުނަސް ދަނޑުމަތީގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ، ލިވަޕޫލްގެ ފޯވާޑްލައިންގައި ހިމެނޭ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭއާ ވަރަށް ރަނގަޅަށް ގުޅިގެން އެޓޭކްތައް ފުރިހަމަކޮށްދޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ޔޮޓާ އާއެކު ލިވަޕޫލްގެ ފޯވާޑްލައިންގައި ހިމެނޭ އަނެއް ތިން ކުޅުންތެރިން އެއްކޮށް، ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވެސް ޑަގްލީޝް ފާހަގަކުރިއެވެ.