English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ގެނެސްދޭ މަޤުބޫލު ޑްރާމާ ސިލްސިލާ “ސާތު ނިބާނާ ސާތިޔާ 2” އިން ރޫޕަލް ޕަޓޭލް(ކޮކީލާ) ގެއްލުމުން ލިބުނު ފަޅުކަން ނުފިލައިގެން އުޅެނިކޮށް އަނެއްކާވެސް މި އޮތީ އެ ޑްރާމާގެ މުހިއްމު ކެރެކްޓާއެއް ޑްރާމާއާއި އަލްވަދާއު ކިޔާ ހަބަރެވެ. މި ޑްރާމާއިން، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓްރެސް ދެވޮލީނާ ބަޓަޗަރަޖީ(ގޯޕީ ބަހޫ)ގެ ރޯލުވެސް ނިމުމަކަން އަންނަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވާއިރު ‘ޓައިމްސް އޮފް އިންޑިއާ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޯޕީ ބަހޫގެ ކެރެކްޓާ ފެންނާނެ އެންމެ ފަހު އެޕިސޯޑަކީ ނޮވެމްބަރު 23 ގެ އެޕިސޯޑެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ސާތު ނިބާނާގެ މި ސީޒަނުގައި މޯދީ އާއިލާ އާއި ދެސާއީ އާއިލާ ގެ ވާހަކަތައް ގެނެސްދިނުމުން ޑްރާމާއަށް މީގެ ކުރިން ލިބެމުން އައި ތަރުހީބު ކުޑަވުމާއި ގުޅިގެން، މޯދީ އާއިލާގެ ވާހަކަތައް ނިމުމަކަށް ގެނެސް މުޅި ޑްރާމާގެ ފޯކަސް ދެސާއީ އާއިލާއަށް އަބުރާލަން ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާކަމަށެވެ. މޯދީ އާއިލާގެ އެންމެ ފަހު ފެނިލުން ނޮވެމްބަރު 11 ގައި ޝޫޓުކޮށް ނިންމާލާފައިވާއިރު، އަންނަ އަންގާރަ ދުވަހު އެ އާއިލާ މި ޑްރާމާއާއި އަލްވަދާއު ކިޔާ މަންޒަރު ބެލުންތެރިންނަށް ފެންނާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މިޑްރާމާގެ އެއްވަނަ ސީޒަނުގައި ރޫޕަލް އާއި ދެވޮލީނާ ދެއްކި މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، މި ސީޒަނުގައި މި ތަރިންނާއި ނުލާ ޑްރާމާއަށް އެފަދަ ބޮޑު ތަރުހީބެއް ލިބިދާނެތޯ ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފަައެވެ.

“ސާތު ނިބާނާ ސާތިޔާ” ގެ ފުރަތަމަ ސީޒަން 3 ޖުލައި 2010 އިން ފެށިގެން 27، ޖުލައި 2017 ގެނެސްދިން އިރު އެ މުއްދަތުގެ ތެރޭގައި ޑްރާމާގެ 2،184 އެޕިސޯޑް ވަނީ ގެނެސްދީފައެވެ، މިއިން ކޮންމެ އެޕިސޯޑެއްގައިވެސް ކޮކީލާގެ ނުފޫޒާއި ބާރު ފެނިގެން ދިޔައިރު، ޓީވީ އިންޑަސްޓްރީގައި މިހާތަނަށްވެސް އޭނާ އާއި އެއްފަދަ ތަރިއަކު އަދި ފެނިފައިނުވާ ކަމީ ގިނަ ބަޔަކު ގަބޫލުކުރާ ހަގީގަތެކެވެ. މީގެ އިތުރުން ޑްރާމާގައި ގޯޕީގެ މައުސޫމްކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ގިނަ ބައެއްގެ ލޯބި ލިބިފައިވާއިރު، ފުރިމީހާ އެހެމް މޯދީ ގެ ލެޕްޓޮޕް ދޮންނަ މަންޒަރަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަގޫބުލު ވީޑިއޯއެކެވެ.