English Edition
Dhivehi Edition

އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި 25 އަހަރު ހޭދަކޮށްފައިވާ ސޯނޫ ނިގަމްގެ ދަރިފުޅު ނީވަން ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ އިހްތިޔާރު ދީފައިވާކަމަށް ސޯނޫ ބުނެފިއެވެ.

ދާދިފަހުން ސޯނޫ ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ދަރުފުޅަކީ އުފަންވި އިރުވެސް ރީތި އަޑެއްގެ ވެރިއެއްކަމަށާއި އެހެންނަމަވެސް ދަރިފުޅު ލަވަކިޔުންތެރިއަކަށް ހެދުމަށް، އޭނާ އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. “އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު ލަވަކިޔުންތެރިއަކަށްވާކަމަށް. ހާއްސަކޮށް އިންޑިއާގައި ލަވަކިޔާ މީހަކަށް ދަރިފުޅުވާން ބޭނުމެއް ނޫން” ސޯނޫ ބުންޏެވެ.

އިންޑިއާގައި އޭނާއަށް ދިމާވި ހިތްދަތިކަމުގެ ސަބަބުން މާޔޫސްވެފައިވާ ސޯނޫ ބުނީ ނަސީބު ދިމާކުރި ގޮތުން މިހާރު އޭނާގެ ދަރިފުޅު އިންޑިއާ ދޫކޮށް ދުބާއީއަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށެވެ. ” އަހަރެންގެ ދަރިފުޅުގެ ޝައުގުހުރީ މުޅިން އެހެން ދާއިރާއަކަށް. އޭނާ އަކީ ދުބާއީގެ ގޭމަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ގޭމަރެއް. މިހާރުވެސް ދުބާއީގެ އެއްވަނަ.” ސޯނޫ ބުންޏެވެ.ދަރިފުޅު ނީވަން އަކީ ‘ފޯޓްނައިޓް’ ގައި އެފަދަ ދެވަނަ އެއް ނެތް ކުޅަދާނަ ގޭމަރެއްކަން ފާހަކުރަމުން ސޯނޫ ބުނީ އޭނާގެ ދަރިފުޅަކީ މޮޅު ވިސްނުންތޫނު ދަރިއެއްކަމަށެވެ. އަދި ދަރިފުޅު ކުރިއަށްދާން ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމުގެ ފުރިހަމަ އިހްތިޔާރު ދީފައިވާކަމަށް ސޯނޫ ވަނީ ބުނެފައެވެ.

އުމުރުން އެންމެ 04 އަހަރުގައި ބައްޕަ އާއި އެކު މުހައްމަދު ރަފީއުގެ ‘ކިޔާ ހުވާ ތޭރަވާދާ’ ލަވަކިޔުމަށް ސްޓޭޖްމައްޗަށް އެރި ސޯނޫ ވަނީ ހިންދީ، އިނގިރޭސި، ގުޖްރާތީ، ތަމިލް ލަވަތައް ކިޔާފައެވެ. ދާދިފަހުންވެސް ސޯނޫގެ އާ ލަވައެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު އޭނާ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ‘ކަލްހޯނަހޯ’ ‘އަބީމުޖްމޭ ކަހީ’އަކީ ފާހަގަކޮށްލެވޭ ދެލަވައެވެ.