English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަހުމަދު އަވްޝަން (މިހާރު)

އަތޮޅުތެރޭގައި ކޮވިޑް-19ގެ ބަލި މީހުން ތިބި އަދަދު އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި މިވަގުތު ކޮވިޑް-19ގެ ބަލިމީހުން ތިބީ ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ށ. ކޮމަންޑޫ އާއި ށ، ފޭދޫ އާއި ބ. ކެންދޫ އާއި ބ. ފުޅަދޫ އާއި ކ. ހުރާ އާއި ކ. މާފުށީގެ އިތުރުން ގއ. ނިލަންދޫ އާއި ގދ. ނަޑެއްލަ އާއި ގދ. ހޯޑެއްދޫގަ އެވެ. އެގޮތުން މި 11 ރަށުގައި ޖުމްލަ 15 ބަލިމީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި 12 ބިދޭސީންނެވެ. އަދި މީގެ ތެރެއިން ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ މާފުށީގައެވެ. އެގޮތުން މާފުށީގައި ހަތަރު ބަލިމީހުން ތިބިއިރު، ދެން އެންމެ ގިނައިން ބަލިމީހުން ތިބީ ފުޅަދޫގައެވެ. އެއީ ދެ މީހެކެވެ.

މީގެ އިތުރުން ރާއްޖޭގެ 29 ރިސޯޓެއްގައިވެސް ކޮވިޑް-19ގެ ބަލިމީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ 90 މުވައްޒަފުންނާއި 48 ފަތުރުވެރިން ހިމެނެއެވެ.

ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން މިވަގުތު ބަލިމީހުން ތިބީ ލ. ގަމު ކޮވިޑް ފެސިލިޓީގައި އެކަންޏެވެ. އެގޮތުން އެ ފެސިލިޓީގައި މިވަގުތު ތިބީ ފަސް ބަލިމީހެކެވެ.

ރާއްޖެއިން މިހާތަނަށް 12،384 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 11،406 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 926 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 72 މީހަކަށެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 45 މީހަކު ވަނީ މަރުވެފައެވެ.