English Edition
Dhivehi Edition

މިއަހަރު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗު މަހުގެ ހަ އެއް ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެ ޓީވީ ގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު އިއުލާން ކުރަން ޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށާ މިހާރު ޝެޑިއުލް ކޮށްފައި ވަނީ އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރުގައި އިންތިޚާބު ބާއްވަން ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކުރިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

ކައުންސިލް އިންތިޚާބަށް ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާއެކު މިހާރުވެސް ކެމްޕޭނު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.