English Edition
Dhivehi Edition
މެޖިސްޓްރޭޓް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުލްހާ - ފޮޓޯ: އަވަސް.އެމްވީ

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ކޯޓުގައި މަސައްކަތް ކުރާނެ މާހައުލެއް ނެތުމާއި ޒާތީ ގޮތުން ފިއްތުންތައް ކުރިމަތިވާތީއެވެ.

މުލްހާ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ދާދި ފަހުން މުލްހާ ވަނީ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަންގެ މުއްދަތު ހަމަވެ ވަޒީފާއަށް ނިކުންނަން ފައްޓަވާފައެވެ.

މެޖިސްޓްރޭޓް ކަމުގެ މަގާމުން މުލްހާ ޖުލައި މަހުގެ ހަވަނަ ދުވަހު ސަސްޕެންޑްކުރިއިރު ޖޭއެސްސީން ދިޔައީ މުލްހާގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާމެދު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖާކޮށް ގޮތެއް ނިންމި ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ފުލުހުން ހިންގި ތަހުގީގެއްގައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ.

2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މުލްހާ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާއިރު މުލްހާ ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައިވެސް މަސައްކަތް ކުރައްވާފައިވައެވެ.