English Edition
Dhivehi Edition

މިރެޔަކީ މިއަހަރުގެ ދެވަނަ “މާހުޅެވި” ހަނދު ފެންނާނެ ރެއެކެވެ. އަނެއްކާވެސް މާހުޅެވި ހަދެއް ފެނިގެންދާނެ ރެއެކެވެ.

މިރޭގެ ހަނދު ދުނިޔެއާއި ގާތްގަނޑަކަށް 358,458 ކިލޯމީޓަރުގެ ކައިރިޔަށް އަންނާނެއެވެ. “މާހުޅެވީ”ގައި ހަނދުގެ ޢާންމު ޙާލަތަށްވުރެ ހަނދުގެ އަލިކަން 30 އިންސައްތަ އިތުރުވެފައި ހުޅެވީގެ ސައިޒުވެސް 14 އިންސައްތަ ބޮޑުވާނެކަމަށް ފަލަކީ އިލްމުވެރިން ހާމަކޮށްފައިވެއެވެ.

މިރޭ އިރުއޮއްސުމުގެ 16 މިނެޓް 48 ސިކުންތުގެ ފަހުން، (ގާތްގަނޑަކަށް 18:05) ހަނދު އޮއްސޭންދެން، ހަނދުގެ ތިރީ ކައިރިފަށުން މާހުޅެވި ފާޅުވާނެއެވެ. މިވަގުތުގައި ހަނދު ބޮޑުވެފައި އަލިގަދަވާނެއެވެ.

ހުޅެތްވަކީ އިރު ހަނދަށް އެޅުމުން ހަނދުގެ އަލިކަން އާއްމުކޮށް ހުންނަ ވަރަށްވުރެ ބޮޑުކޮށް ދުނިޔެއަށް ފެންނަ ހަނދުގެ އަލިކަމެވެ.

މިއީ ހުޅަނގުމޫސުމުގެ 17 ވަނަ ނަކަތް ކަމުގައިވާ “ނޮރަ” ނަކަތުން 2ވަނަ ދުވަސް ކަމަށް ވުމާއެކު ވިއްސާރައިގެ ސަބަބުން ހަނދުގެ ހުޅެވި ހަމަލޮލަށް ފެނުމުގެ ފުރުސަތު ކުޑައެވެ. އެހެންނަމަވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ހަނދަށް އިރުގެ އަލި އެޅިގެން ހަނދުން ފާޅުވާ ހުޅެތްވާއި ހަނދުވެސް ވަރަށް ރީތިކޮށް ފެނިގެންދާނެއެވެ.

މިއަހަރު މެއިމަހު 23 ވަނަ ދުވަހު “ހުޅެވި” ހަނދެއް ވަނީ ފެނިފައެވެ. މިއީ މިއަހަރުގެ އެންމެ ފަހު ހުޅެވި ހަނދެވެ. ދެން ހުޅެވި ހަނދެއް ފެނިގެންދާނީ 2021 ވަނަ އަހަރު ޏޮވެމްބަރ 5 ވަނަ ދުވަހާއި، ޑިސެމްބަރ 4 ވަނަ ދުވަހުގައެވެ.