English Edition
Dhivehi Edition

ފުލުހުންގެ އިންޓެލިޖެންސާއި ބައެއް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަންފަށައިފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ރ. އަނގޮޅިތީމާއި ށ. މިލަންދޫގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫގައެވެ.

އެގޮތުން ފުލުހުން ހާމަކުރާ ގޮތުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ ފޭދޫން ހުޅުމީދޫ ބަނދަރާ ގާތްކުރި ތެޔޮ ބޯޓެއްގައި މަސްތުވާތަކެތި ހުރިކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި ފުލުހުން އެ ބޯޓަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ރ. އަނގޮޅިތީމުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ރަސްގެތީމުން ބޮއްކުރައެއްގައި އަނގޮޅިތީމަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި، އިންޓެލިޖެންސާއި އުނގޫފާރު ގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އަނގޮޅިތީމުގައި ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަދި އެ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ކަރުދާސްކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މިލަންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، އެ އޮޕަރޭޝަނުގައި 23 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއި، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދޯނިން ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާއިރު 23 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.