English Edition
Dhivehi Edition

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ( އޭ.އީ.އެޗް) ގެ މުޅި އިދާރީ އޮނިގަނޑު ބަދަލުކޮށް އިތުރަށް ހަރުދާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭ.އީ.އެޗް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަލަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ޑރ ސާލިޙް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އޭ.އީ.އެޗް އަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ކެއަރ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ކަމަށެވެ.

އެގޮތުން އޭ.އީ.އެޗްގައި މިވަގުތު އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތްކަން ފާހަގަކުރައްވައި ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކުންނާއި ބޭރު ޤައުމުތަކުންވެސް އޭ.އީ.އެޗް އަށް ރަނގަޅު ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

“މިހާރު ހޮސްޕިޓަލުގައި ތިއްބެވި ޑޮކްޓަރުންގެ ތެރެއިން އެކަށީގެންވާ ފެންވަރު ނެތް ޑޮކްޓަރުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. މި މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ” ޑރ ސާލިޙް ވިދާޅުވިއެވެ.

އޭ.އީ.އެޗް އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހިލޭ ގުޅޭ ހަތަރު ނަންބަރުގެ ޚާއްޞަ ފޯނު ނަންބަރެއްވެސް ތަޢާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ޞިއްޙީ މަރުކަޒުތަކަކީވެސް އޭ.އީ.އެޗްގެ ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ފާހަގަކުރައްވަމުން ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ތާވަލްކޮށްގެން ޞިއްޙީ މަރުކަޒުތަކަށް ބަލިމީހުން ބެއްލެވުމަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެއްދެވުމަށް އޭ.އީ.އެޗް އަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ޞިއްޙީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭ.އީ.އެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އޭ.އީ.އެޗް އަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް މީހުން އަންނަ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ޞަރަޙައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ޚާއްޞަކޮށް އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭ ގޮތުން ވެސް ޑރ ސާލިޙް ވަނީ ކައުންސިލާ މަޝްވަރާ ކުރައްވަވާފައެވެ.