English Edition
Dhivehi Edition
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރި ގޮތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްދު އާއިއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި މަސައްކަތް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ދެ ޤައުމުގެ ފޮރިން ސެކްރެޓަރީއިން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހިގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައިވަނީ ސަރަޙައްދީ ވިޔަފާރި ކުރިއެރުވުމާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޯވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް “އެއަރ ބަބްލް” އެއް ޤާއިމުކޮށްދީފައިވާތީ، އެ ކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާ އާ ދެމެދު މި ދަތުރުފުޅުގައި 4 އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ގްރޭޓާ މާލޭ ކަނެކްޓިވިޓީ މަޝްރޫއު ފައިނޭންސް ކުރުމުގެ ބައެއް ކަމުގައިވާ 100 މިލިއަން ޑޮލަރުގެ ގްރާންޓް އެގްރީމެންޓާއި، ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައި-އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) އާއި ގުޅޭ ދެ އެމްއޯޔޫ ހިމެނެއެވެ.