English Edition
Dhivehi Edition

ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި، ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރޭވައި އަދި މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހެނދުނު ރޫޓު ފިހާރައިގެ 4.2 މިލިއަން ރުފިޔާ ވޭނެއްގައި ބީއޯސީއަށް ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފަ އެވެ، އެ މައްސަލައިގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރިކޮށްފައިވާއިރު، އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުުންނެވެ.