English Edition
Dhivehi Edition

އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލަކީ ޕައިލެޓް ކޯސް ހެދުމަށް ބޭނުންވާ ޒުވާނުންނަށް އައްޑޫގައި ތިބެގެން ފަސޭހަ ކަމާއެކު ކިޔެވޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން އައްޑޫ ސިޓީގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށް އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށް 2010 ވަނަ އަހަރުން ފެށިގެން ހަވާލުކޮށް ކުރިއަށް ގެންދާ ސްކޫލެކެވެ. މިތަނުގައި އައްޑޫގެ ޒުވާނުންގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުންނާއި އަދި ރާއްޖެއިން ބޭރުން ވެސް ދަރިވަރުން ކޯސް ފުރިހަމަކުރަމުން އާދެއެވެ.

ކޯސް ހަދާ ކޮންމެ ދަރިވަރެއްގެ އަތުން ސާޅީސް ފަސް ހާސް ވަރަކަށް ޑޮލަރު ޚަރަދު ކުރަން ޖެހޭ މި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ޝަކުވާ ގިނައެވެ. ދަރިވަރުންނަށް އަމަލީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބުން ލަސްވެ، ކޯސް ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވާ ކަމުގެ ޝަކުވާއެވެ. ދަރިވަރުން ތަފާތު ކުރުމާއި ބިދޭސީންނަށް އިސްކަން ދިނުމާއި ދަރިވަރުން އިމްތިހާނުތައް ފުރިހަމަކުރުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި ބޮޑު ޚަރަދެއް ހިނގުން ފަދަ ޝަކުވާތަކެވެ. ފްލައިޓްތަކެއް ގްރައުންޑްވެ، އެ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ހުއްޓުމަކަށް އައިސްފައިވާ ކަމުގެ ޝަކުވާއެވެ. މިއަހަރުގެ ޖެނުއަރީ މަހު 172 އާރްޖީ ފްލައިޓް ވެއްޓުނު ފަހުން އެ ސްކޫލްގައި އޮތީ ޖުމްލަ 11 ފްލައިޓް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށް ފަހު ސްކޫލް އަލުން ހުޅުވުނުއިރު ފްލައި ކުރަމުން އައިސްފައިވަނީ އެންމެ 3 ފްލައިޓް ކަމަށް ސްކޫލުގައި ކިޔަވާ ދަރިވަރުން ވަނީ ބުނެފައެވެ. އަދި އަނެއް 8 ފްލައިޓް ގްރައުންޑްވެފައިވަނީ ސްކޫލްގައި އެއާވޯދިނެސް މެނޭޖަރެއް ނެތުމުން ކަމަށްވެސް ދަރިވަރުން ދަނީ ބުނަމުންނެވެ. އެއާވޯދިނެސް މެނޭޖަރެއް ނެތުމުން ފްލައިޓުތައް ގްރައުންޑް ވާނެ ކަމާއި، އޭގެ ސަބަބުން ދަރިވަރުންގެ ފްލައިން ހުއްޓުމަކަށް އަންނާނެކަން އެނގޭއިރު ވެސް ސްކޫލުން އެކަމާ އަޅާލާ ތަން ނުފެންނަ ކަމަށް ވެސް ދަރިވަރުން ދަނީ ބުނަމުންނެވެ.

ދަރިވަރުންގެ ކަންބޮޑުވުންތައް ހާމަކޮށް އެތަނުގައި ކިޔަވަމުން ދާ 86 ދަރިވަރަކުވަނީ ސިވިލް އޭވިއޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މީގެ ދުވަސްކޮޅެއް ކުރިން ޕެޓިޝަނެއްވެސް ހުށަހަޅާ ފައެވެ. ދަރިވަރުންގެ އެ ޕެޓިޝަނާ ގުޅިގެން ހަޔާ އެޑިއުކޭޝަނުން މިހާރު ވަނީ ސްކޫލާ މެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މިހާރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށާއި އެތަނުގައި ކިޔަވާ ދަރިވަރުންގެ ކޯސް ކުރިއަށް ދާ ގޮތުގެ ތަފްސީލު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އަހަރު އެކަޑަމީ އޮޑިޓްކުރުމަށް ފަހު ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ކަންތައްތައް ކަމަށާއި އެކަންތައްތައް ރަނގަޅުކުރުމަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ވެސް ފްލައިން ސްކޫލުން މަަސައްކަތްކޮށްފައި ނުވާ ކަަމަށެވެ.

އައްޑޫ ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނުން ހަރަދުކޮށްގެން ކިޔަވާ ދަރިވަރުން ރާއްޖޭން ބޭރުގެ އެކަޑަމީތަކަށް ބަދަލުވުމުގެ ހުއްދަ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވެސްް އޮތީ ދީފަ އެވެ. އޭގެ އިތުރުން މިފަހަރު ދިން ލުޔަކީ ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ދުވަސް ފަސްކޮށްްދިނުމެވެ. އެގޮތުން، ކިޔެވުން ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަސް ފަހުން ނޫނީ ލޯނު ދައްކަން ފަށަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ދަރިވަރުން ފްލައިން ސްކޫލަށް ދައްކަން ޖެހޭ ފީ، ޑޮލަރުން ބަލައިގަންނަމުން ދާތީ އެކަން އެގޮތަށް ކުރުން ހުއްޓައިލަން ވެސް ފްލައިން ސްކޫލަށް މިނިސްޓްރީން އަންގާފައިވެއެވެ.

ދަރިވަރުންގެ ކަންބޮޑުވުން ހާމަކޮށް ގިނަ ޝަކުވާތަކެއް ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މިދިޔަ އަހަރު ވެސް ހުށަހެޅި އެވެ. ނަމަވެސް ދަރިވަރުންގެ ކަންބޮޑުވުންތައް ހާމަކޮށް ޕެޓިޝަނެއްގައި ސޮއި ކޮށް މިނިސްޓްރީއާއި ހަމައަށް އަޑު ފޯރުކޮށް ދިނުމުން އެކަމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް އެ ސްކޫލުގެ ހަތަރު ދަރިވަރަކު ވަނީ ސްކޫލުން ވަކިކޮށްފައެވެ. ވަކި ކުރި ސަބަބެއްގެ ގޮތުގައި ދަރިވަރުންނަށް ފޮނުވި ސިޓީގައި ވަނީ، 24 މަހުން ފުރިހަމަ ކުރަން ޖެހޭ ކޯހެއް، މުއްދަތު ހަމަވި އިރުވެސް ނުނިންމުން ކަމެވެ. 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ މި ސްކޫލުގެ ދަރިވަރުންތަކެއް ގަވާއިދާ ޚިލާފަށް ވަކިކުރި މައްސަލަ ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލައި ދޭނެ ކަމަށް އެތަންތަނުން ބުނެފައިވާ ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ.

ދަރިވަރުން ޝަކުވާ ކުރާ ކޮންމެ ފަހަރަކު ދަރިވަރުންގެ މި ޝަކުވާ ތަކަކީ ހަގީގަތެއް ނޫން ކަމަށް އެ ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މީޑިއާގައި ދިޔައީ ބުނަމުންނެވެ. މީގެ އިތުރުން އޭއޭއޭ އިން މިދިޔަ އަހަރު ބުނެފައިވަނީ ފްލައިން ސްކޫލް މާފަރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އެގޮތަކަށް ނިންމާފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ކުލި ބޮޑުކުރުމުން ކަމަށެވެ. އަދި މާފަރުގައި ސްކޫލް އަޅަނީ އެއަށް ވުރެ ކުޑަ ކުއްޔަކަށް ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

މިހުރިހާ މައްސަލަތަކާއެކު ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މަސައްކަތް ވެސް ކޮށްފައެވެ.

އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ޝަކުވާ އަކީ ސަރުކާރާއި އަދި އޭއޭއޭ އާއި ދެމެދު އޮންނަ ކޯޅުން ގަނޑުގެ ތެރެއަށް ދަރިވަރުން ވައްދަން މަސައްކަތް ނުކުރުމަށާއި ބޮޑު ޚަރަދެއްކުރުމަށް ފަހު ބެލެނިވެރިންނާއި ދަރިވަރުން ކުރާ ހޭދައަށް ރަނގަޅު އެދެވޭ ޚިދުމަތެއް ލިބިގެން ދިއުމެވެ.