English Edition
Dhivehi Edition

އެކި އުމުރުގެ ކުދިން އެކުދިންގެ ހުނަރު ފާހަގަކޮށް އެކަމަކުން ތަޖުރިބާ ހޯދައި ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމުގެ ބޭނުމުގައި އަދި ހޮބީ އެއްގެ ގޮތުގައި ހުނަރުގެ ބޭނުން ކުރަމުން މަޝްހޫރު ކަން ހޯދަމުން އަންނަ ތަން ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ފެނެއެވެ. ބައެއްކުދިން ކުރެހުމާއި، ޑިޖިޓަލް އާރޓް، ގްރެފިޓީ އާރޓްސް، ޑޫޑުލް އާރޓްސް، ސްކްރިބްލް އާރޓް،ޕެއިންޓް ކުރުން، ޕާފޯމެންސް އާޓްސް، ތަކެތި އުފެއްދުން އަދި ފޮޓޯގްރަޕީގެ ހުނަރު ދަސްކޮށް އެމަސައްކަތް ކުރަކަން ފާހަގަ ކުރެވެއެވެ.

ޤައިޝް ނަގާފައިވާ ފޮޓޯތައް

އއ. އުކުޅަހަށް އުފަން އުމުރުން 15 އަހަރުގެ އިބްރާހިމް ޤައިޝް އަންވަރަކީ އެރަށު މީހުން ފަހުރުވެރިވާނެ ފަދަ ކުޅަދާނަ ފޮޓޯގްރާފަރެކެވެ. ގައިޝް ބުނާގޮތުން ފޮޓޯނެގުމަކީ އޭނަ އެންމެ ކުޑައިރުން ފެށިގެން ކުރާހިތްވާ ކަމެކެވެ. އޭނަ ފޮޓޯނެގުމަށް ލޯބި ޖެހުނީ ރަށުގައި އުޅޭމީހުން ފޮޓޯނަގާ ހަދާތަންފެނުމުން ކަމަށްވެސް އޭނަބުނެއެވެ. ފޮޓޯނެގުމުގެ މަސައްކަތް ފެއްޓުމުގެކުރިން އޭނަ 4-5 މަސްވަންދެން އަތުގައި އޮތްފޯނަކުން ފޮޓޯނަގައި އެކަމުގެ ތަޖުރިބާ ހޯދަން މަސައްކަތް ކުރިއެވެ. އޭގެފަހުން ޤައިޝްގެ ބޭބެ (އަލީނިޡާމް) ގަނެދިން ކެމެރާއަކުން، ރަށުގައި އުޅޭ ފޮޓޯނަގާމީހުންނާ އެކު ތަފާތު އެކި ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށް ތަޖުރިބާ ހޯދަން ފެށިކަމަށް ޤައިޝް އޭއޯ ނިއުސްއަށް ކިޔައިދިނެވެ.

“އަޅުގަނޑު ބައިވެރިވި އެންމެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓަކީ އަޅުގަނޑުގެ އުމުރުން އެންމެ 13 އަހަރުގައި ލިބުނު ޕްރޮޖެކްޓް. އެއީ ޕްރޮފެސަރ އުގެއިލް ބޭއްވި ޕްރޮޖެކްޓެއް ކަމަށްވާ “އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ސްކީމާ ކޮންފެރެންސް” ގެ ފޮޓޯނެގުމަށް ލިބުނު ފުރުސަތު. އެފޮޓޯތައް އެންމެނަށްވެސް ވަރަށް ކަމުދިޔަ. ދެން ހިތަށް އެރީ މަޑުމަޑުން ތަޖުރިބާ ހޯދައިގެން ވިޔަފާރި އުސޫލުން މިކަން ކުރަން ފަށަންވީއޭ. އެގޮތުން ފެށި މި ފޮޓޯގްރަޕީ ބިޒްނަސް އާއި އެކު އަޅުގަނޑަށް ވަރަށް ގިނައިން ގެސްޓުންގެ ފޮޓޯ ނަގަން ފުރުސަތު ލިބެންފެށި” ޤައިޝް ޕޮޓޯނެގުމަށް ޝައުގުވެރިވީ ގޮތާއި ބެހޭގޮތުން ބުންޏެވެ.

ޤައިޝް އަށް ޕޮޓޯގްރަޕީ ދާއިރައިން މިހާތަނަށް ލިބުނުކާމިޔާބީ ތަކާ ބެހޭގޮތުން ބުނީ، ބައެއް މީޑިއާ ތަކަށް ފޮޓޯނެގުމާއި، ޔޫޕިކް ވެބްސައިޓަށް ފޮޓޯނެގުމާއި، އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ސްކީމާ ކޮންފެރެންސް އަށް ފޮޓޯނެގި ކަމުގެ ސެޓްފިކެޓް ލިބުމާއި، ކްރިއޯ އިންޓަރނޭޝަނަލް ފެސްޓިވަލް 2020 ޝަޓަރ ބަގްސް ޕޮޓޯގްރަފީ އިވެންޓް އިން މެރިޓް އެވާޑް ލިބުން ހިމެނެއެވެ.

މީގެ އިތުރުން ޤައިޝް އަކީ އުކުޅަސް ޑެސްޓިނޭޝަން މާކެޓިންގ ވެބްސައިޓްގެ ޕޮޓޯގްރަޕީ މެނޭޖަރ ކަން ކުރަމުން އަންނަ ކުއްޖެކެވެ.

ޤައިޝް ނަގާފައިވާ ބައެއް ފޮޓޯތައް

ޤައިޝްގެ އަމިއްލަ ވެބްސައިޓެއް ގެންގުޅޭއިރު އޭނާ ބުނީ، ޕޮޓޯގްރަޕީގެ ދާއިރާގައި މަސައްކަތް ކޮށް މިހާ ހަމަޔަށް އާދެވުނީ ބޭބެގެ އެހީތެރިކަމާއި ރާއްޖޭގެ ނަން މަޝްހޫރު ޕޮޓޯގްރާފަރުން ކަމަށްވާ މާނިޝް ސަލާހް، މުހައްމަދު ހައްޔާން އަދި އިބްރާހިމްގެ ޝާބިލް އެހީގައި ކަމަށެވެ. އާއިޝް ބުނީ އޭނަ ފޮޓޯގްރަޕީ ގެ ދާއިރާއިން އަދިވެސް ދެވެން އޮތް އެންމެ އުހަށް ދާން ބޭނުން ކަމަށާއި މި 3 އެކުވެރިންގެ ފަރާތުން އަދިވެސް ލިބެމުން އަންނަ އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށް އެމީހުންނަށް ޝުކުރު އަދާ ކުރާކަމަށެވެ.

އޭއޯ ނިއުސް އިންވެސް އެދެނީ ޤައިޝްގެ ހުވަފެން ހަގީގަތަކަށްވެ ފޮޓޯގްރަޕީގެ ދާއިރާއިިން ކުރިއެރުމާއި އިތުރު ކާމިޔާބީތައް ލިބުމެވެ. އާމީން!