English Edition
Dhivehi Edition
05 ނޮވެންބަރު 2020 ވަނަ ދުވަހު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ގދ. އަތޮޅު ކައުންސިލްގެ މެންބަރުން މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 28 ވަނަ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެން، ކައުންސިލްގެ ޖަލްސާގެ ކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އެހެން އަތޮޅު ނުވަތަ ރަށު ކައުންސިލަކުން އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިއަދު މެންދުރުފަހު ބޭއްވި އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މޭޔަރ، ޢަބްދުﷲ ޞާދިޤެވެ. އަދި ޖަލްސާގެ އިދާރީ މޭޒު ބެލެހެއްޓެވީ ސިޓީ ކައުންސިލްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް، ޝިޒްލީނާ އަސްލަމެވެ. އެ ޖަލްސާގައި ހުޅުދޫ އާއި މީދޫ އަދި މަރަދޫ ދާއިރާގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. އެހެން ހުރިހާ ކައުންސިލަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ކައުންސިލް ޗެމްބަރ އިންނެވެ.

މިއަދުގެ ޖަލްސާގައި ގދ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފެއް ބައިވެރިވެވަޑައިގަތެވެ.

ގދ. އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީ އަށް ކުރައްވާ ތަޖުރިބާ ދަތުރެއްގައި ހިތަދޫ އަށް ވަޑައިގަތީ 02 ނޮވެންބަރު 2020 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި ދަތުރުގައި އަތޮޅު ކައުންސިލްގެ މެންބަރުން ވަނީ އިއްޔެ އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ކުރިއަށްދާ ގޮތްވެސް އެ ބޭފުޅުން އިއްޔެ ބައްލަވާލެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މި ދަތުރުގައި ގދ. އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ނޭޗަރ ޕާކާއި، އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ހަދާފައިވާ ބީޗްތައް ބައްލަވާލެއްވުމުގެ އިތުރުން އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަށް ޒިޔާރަތްކުރައްވައި އެ ބޭފުޅުން މަޢުލޫމާތު ހޯއްދަވާނެއެވެ.

މި ދަތުރު ނިންމަވާލެއްވުމަށްފަހު ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެންބަރުން އައްޑޫ ސިޓީން ފުރުމަށް ހަމަޖެހިފައި ވަނީ 10 ނޮވެންބަރު 2020 ވަނަ ދުވަހުއެވެ.