English Edition
Dhivehi Edition

ބޮލީވުޑްގެ ފިލްމު ‘މެހެދީ’ އިން ގިނަބައެއްގެ ސަމާލުކަން ހޯދި ތަރި ފަރާޒް ޚާންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

1996 ވަނަ އަހަރު ‘ފަރޭބް’ އިން ފިލްމީ ދާއިރާއަށް ނިކުތް ފަރާޒްގެ ހާލު ސީރިއަސްވެ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ބެންގަލޫރުގެ ވިކްރަމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔައިރު އޭނާގެ ފުރާނަ ސަލަމާތްވާނެކަމުގެ އުއްމީދު ޑޮކްޓަރުންވެސްވަނީ ކަނޑާލާފައެވެ. ފަރާޒް މަރުވީ އޭނާގެ ފުރާނަ ސަލާމަތްކުރަން އަގުބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ބުނެ، އޭނާގެ އާއިލާއިން އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން، އޭނާގެ ފަރުވާގެ ކަންކަމާއި މަޝްހޫރު ފިލްމީތަރި ސަލްމާންހާން ހަވާލުވެފައިވަނިކޮށެވެ.

މީގެ ކުރިން ފަރާޒްގެ ބޭސްފަރުވާއަށް އާންމުންގެ އެހީތެރިކަމަށް އެދެމުން އޭނާގެ ކޮއްކޮ ފަހްމާން ޚާން ބުނެފައިވަނީ ފަރާޒްގެ ފަރުވާއަށް އެ އާއިލާގެ އެންމެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެފައިވާކަމަށާއި ބޭބެގެ ފުރާނަ ސަލާމަތްވާނެ ކަމުގެ އޮތީ 50 ޕަސެންޓް އުއްމީދެއްކަމަށެވެ. ކުރީގެ ފިލްމީ ތަރި ޔޫސުފްހާންގެ ދަރިފުޅު ފަރާޒްގެ ހާލު މީޑިއާ އާއި ހިއްސާކުރަމުން ފަހްމާން ބުނީ ފާއިތުވީ އަހަރެއްހާ ދުވަހު ފަރާޒް އުޅުނީ ވަރަށް ބަލިކޮށްކަމަށާއި މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން އަބަދު ކެއްސާކަމަށެވެ.

ފަރާޒް ކުޅުނު ފިލްމުތަކުގެ ތެރޭގައި ‘ޕްރިތުވީ’ “ދުލްހަން ބަނޫ މޭ ތޭރީ’ ‘ލަވް ސްޓޯރީ 98’ ‘ދިލްނޭ ޕިރް ޔާދް ކިޔާ’ އާއި ‘ޗާންދު ބުޖް ގަޔާ’ ހިމެނެ އެވެ. މީގެ އިތުރުން އޭނާވަނީ 1997 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ގިނަ ޓީވީ ޑްރާމާތަކުގައިވެސް ހަރަކާތްތެރިވެފައެވެ.

ޓެގު