English Edition
Dhivehi Edition
4 މަސް ކުރިން
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ބައްދަލުކުރައްވާ އެ ސަރވިސްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްތައް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި، ޚިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް “ޑިޖިޓަލައިޒް” ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، އެ ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

Advt

Advertisement

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އެ ކަމެއްގައި ޝާމިލުވާ ހުރިހާ އިދާރާއެއްގ ހިއްސާއާއި ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ނިންމުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ސަރވިސްއަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.