English Edition
Dhivehi Edition

މިއަދަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ތާބޫއަށް 50 އަހަރު ފުރޭ ދުވެހެވެ. 1982 ވަނަ އަހަރު ފިލްމު ‘ބާޒާރް’ އިން ފިލްމީ ދާއިރާއަށް ތައާރަފްވި ތާބޫއަކީ އަބަދުވެސް އޭނާގެ ކުޅަދާނަކަމާއި، މޮޅު ހުނަރުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ތަރިއެވެ. ބޮލީވުޑްގެ އެހާރާއި މިހާރުގެ ފިލްމުތަކުގައި ތަފާތު ރޯލުތައް ކުޅެ ގިނަ ބައެއްގެ ހިތް އަތުލާފައިވާ ތާބޫގެ 50 ވަނަ އުފަންދުވަސް ފާހަގަކުރަމުން އަންނައިރު ތާބޫގެ ސަޕޯޓަރުންނަށް އޭނާ އެގެނީ ކިހާވަރަކަށް ހެއްޔެވެ؟

1970 ވަނަ އަހަރު ނޮވެމްބަރު 4 ވަނަ ދުވަހު އުފަންވި ތާބޫގެ ފުރިހަމަ ނަމަކީ ތަބައްސުމް ފާތިމާ ހަޝްމީ އެވެ. ހައިދަރް އާބާދްގެ މުސްލިމް އާއިލާއަކަށް އުފަންވި ތާބޫގެ ދިރިއުޅުން މުމްބާއީއަށް ބަދަލުކޮށްފައިވަނީ 1983 ވަނަ އަހަރު، ތައުލީމް ހާސިލްކުރުމަށެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތާބޫ އަކީ ފިލްމީ ބަތަލާ ފަރަހް ނާޒް ގެ ކޮއްކޮ އެއްގެ އިތުރުން ފިލްމީ ބަތަލާ ޝަބާނާ އަޒްމީ އަށް ބޮޑުދައިތަ ކިޔާ ތަރިއެކެވެ.

1982 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ތާބޫވަނީ ހިންދީ ފިލްމް ތަކުގެ އިތުރުން ތަމަޅަ، މަލަޔާޅަމް، ޓެލުގޫ އަދި ބެންގާޅީ ފިލްމްތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. އަދި ހޮލީވުޑްގެ އެއް ފިލްމްގައި ތާބޫ ހަރަކާތްތެރި ވެފައިވާއިރު އޭނާ ވަނީ މި ފިލްމުގައިވެސް އޭނާގެ މޮޅު ހުނަރުދައްކާލާ ގިނަ ބައެއްގެ ތާއިދު ހޯދާފައެވެ. އުމުރުން އެންމެ 14 އަހަރުގައި، 1985 ވަނަ އަހަރު ތާބޫ ކުޅުނު ފިލްމު ‘ހަމް ނޯޖަވާން’ އަށްފަހު ދެން އޭނާ ފެނިގެން ދިޔައީ ‘ޕްރޭމް’ އިންނެވެ. އެ ފިލްމަށް ލިބުނު ނާކާމިޔާބީ އާއި އެކު ތާބޫ ބޮލީވުޑްއިން ގެއްލިގެން ދިޔައިރު ދެން އޭނާ ފެނިގެން ދިޔައީ 1994 ވަނަ އަހަރު ‘ޕެހެލާ ޕެހެލާ ޕިޔާރް’ އިންނެވެ،

އެ ފިލްމާ އެކު އޭނާގެ ފިލްމީ ހަޔާތުގެ ކާމިޔާބު ސަފްހާތައް ފެށިގެން ދިޔައިރު ތާބޫ ވަނީ ނޭޝަނަލް ފިލްމް ފެއަރ އެވޯޑްގައި ބެސްޓް އެކްޓްރެސްގެ މަގާމް 2 ފަހަރު ހޯދާފައެވެ. މީގެ އިތުރުން އޭނާވަނީ ފިލްމް ފެއަރ ކްރިޓިކްސް ފޮރ ބެސްޓް ފީމޭލް ޕާފޯމަރ ގެ އެވޯޑް 4 ފަހަރު ޙާޞިލްކޮށް ރިކޯޑް ގާއިމްކޮށްފައެވެ. ފިލްމީ ދާއިރާގައި އެއްވެސް ތަފާތެއް ނެތި ދައްކަމުންދާ މޮޅު ހުނަރުގެ ސަބަބުން ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ތާބޫ ވަނީ އިންޑިއާ ސަރުކާރުން ހަތަރުވަނައަށް ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ ‘ޕަދްމާ ޝްރީ’ އެވޯޑް ހާސިލްކޮށްފައެވެ.

މިހާތަނަށް ތާބޫ ކުޅުނު ފިލްމުތަކުގެ ތެރޭގައި ‘ދިލްތޯ ޕާގަލްހޭ’ ‘ހަމްސާތް ސާތްހޭ’ ‘މަގްބޫލް’ ‘ހައިދަރް’ ‘އަންދާދުން’ ‘ދޭދޭ ޕިޔާރް ދޭ’ އާއި ‘ފަނާ’ ގެ އިތުރުން 2007 ވަނަ އަހަރު އަމީތާބް ބައްޗަން އާއި އެކު ފެނިގެން ދިޔަ ‘ޗީނީ ކަމް’ އަކީ ފާހަގަކޮށްލެވޭ މޮޅު ފިލްމުތަކެވެ.