ފިލްމު “ގަލީ ބޯއީ” ގައި ރަންވީރު ސިންގުގެ ބައްޕަގެ ރޯލު ކުޅެގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ތަރި ވިޖޭ ރާޒް ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ވިޖޭ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު، މަހަރާޝްތަރްއިގެ ގޮންޑިއަ ސިޓީ އިންނެވެ.ހުނަރުވެރި އެކްޓަރ ވިޖޭގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު މި މައްސަލަ މިހާރު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާކަމުގެ ޔަގީންވެސް ފުލުހުންވެސް ވަނީ ދީފައެެވ. ފިލްމެއްގެ ޝޫޓިންގައި، އަންހެން ކްރޫ މެމްބަރަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ވިޖޭ ހައްޔަރުކޮށްފައިވާއިރު މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިހާތަނަށް ފަންސާހަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ވިޖޭ ހައްޔަރުކުރުމާއި ގުޅިގެން މިހާރު ވިދްޔާ ބަލަން އާއި އެކު އޭނާ ކުޅެމުންދާ ފިލްމު “ޝޭރްނީ”ގެ ޝޫޓިންވެސް ހުއްޓިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ، ވިޖޭ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ‘ރަން’ ‘ވެލްކަމް’ ‘މުމްބައި އެކްސްޕްރެސް ގެ އިތުރުން ‘ދިއްލީ ބެލީ’ ހިމެނެއެވެ.