English Edition
Dhivehi Edition

ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން މާބަނޑު އަންހެނެއްގެ ބަނޑަށް, ދަރިފުޅު ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް ތިނަދޫ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އަންހެން މީހާގެ ބަނޑަށް ދަރިފުޅު ނިޔާވި މައްސަލައާއި ގުޅިގެން އެ އާއިލާއިން ބުނީ މިމަހުގެ އެއްވަނަ ދުވަހު، އަންހެންމީހާގެ ބަނޑަށް ދަރިފުޅު ނިޔާވެފައިވަނީ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް، އަންހެނުންގެ ޑޮކްޓަރަކު ނެތުމުންނާއި އަދި ޑޮކްޓަރު ހޮސްޕިޓަލަށް ގޮސް ބަލި މީހާގެ ހާލަތު ބެލުން ލަސްވުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާގެ ތަފްސީލް ދެމުން އާއިލާއިން ބުނީ އެ އަންހެންމީހާގެ ހަށިގަނޑުން ލޭ ބޭރުވާން ފެށުމުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަމީ މިމަހުގެ 1 ވަނަ ދުވަހުގެ ދަންވަރު 2:00 އެހާކަންހާއިރު ކަމަށެވެ، އަދި އެވަގުތުން ފެށިގެން ހެނދުނު 9:30 އެހާކަންހާއިރު ވަންދެން އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ބަލި މީހާ ކައިރިއަށް ޒިޔާރަތްކޮށްފައިނުވާކަމަށާއި އެހެން ނަމަވެސް އެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން އަންހެންމީހާއަށް ބޭސް ދިން ކަމަށެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލުން ބުނީ، އާއިލާއިން ބުނި ގޮތަށް އަންހެނުންގެ ޑޮކަޓަރު އޮންކޯލުގައި ހުރި ނަމަވެސް ބަލިމީހާ ބެލުމަށް އައިސްފައިނުވާކަމަށާއި އެހެންނަމަވެސް ވަގުތުން މެޑިކަލް އޮފިސަރަކު ހާޒިރުވެ، އޮންކޯލުގައި ހުރި އަންހެނުންގެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން އަންހެންމީހާއަށް ބޭސް ދީފައިވާ ކަމަށެވެ. މާބަނޑު އަންހެން މީހާގެ ދަރިފުޅު މަރުވުމުގައި ހޮސްޕިޓްލްގެ އިހުމާލު އޮތްކަމަށް ބުނެ މި މައްސަލަ މިހާރު ހެލްތް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާއިރު ހޮސްޕިޓަލުން ބުނީ އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ހާދިސާ ހިނގާފައިވަނީ ކިހިނެއްތޯ އެ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ.