English Edition
Dhivehi Edition

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަގާއި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ޔުނާންއާ ރިހުލާގެ މައްޗަށް ދައުވާކޮށް އެ މައްސަލަތައް ހުޅުމާލޭ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.އާއިލީ ގޮތުން ގުޅުން އޮންނަ ކުޑަފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހު މި ދެމީހުން ހައްޔަރުކޮށްފައިވާއިރު، ޔުނާންގެ މައްޗަށް ނުވަ ދައުވާއެއްކޮށްފައެވެ. އަދި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާއިރު އެ ދެ މީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޔުނާންގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ، ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ، އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާއެވެ. މި ހުރިހާ ދައުވާއެއް ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 110 އަހަރާއި ދެ މަހާއި 12 ދުވަހަށް ނުވަތަ ގިނަވަގެން 133 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.

ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާއެވެ. މި ދައުވާތައްރިހުލާގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ގިނަވަގެން 61 އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ އެވެ.

1 ކޮމެންޓް
އަޒހން
ނޮވެމްބަރު 3, 2020
Oh my God